ހ. ހަންޑްރެޑް ފްލާވާސް، ޖައިލަމް އަހްމަދު ޝާކިރު މަރާލި ކަމަށް ތިން މީހުން ވެސް އިންކާރުކޮށްފި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެ ތިން މީހުންގެ ތެރެއިން ވ. ސިނަމާލެ ފްކެޓު އިސްމާއީލް އަނީގުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ސ. ފޭދަޫ ވީނަސްވިލާ، ނަސީބު ސައީދާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ ތިން މީހުން މިއަދު ދައުވާ އަށް އިންކާރުކޮށް ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނެފައި ވާތީ ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.

ޖައިލަމަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ވެސް ނެރެފަ އެވެ. ނަމަވެސް އަދިވެސް އޭނާއެއް ނުފެނެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަންހާއިރު ހ. ހަންޑްރެޑްފްލާވާ ގޭގެ ކައިރީގައި ޖައިލަމް ހުއްޓައި އިތުރު މީހަކާ އެކު އަނީގާއި ނަސީބާއި އިރުފާން ދެ ސައިކަލެއްގައި އެތަނަށް ދިޔަ ކަމަށެވެ.

އަދި އަނީގާ އެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމާ މެދު މާރާމާރީ ހިންގިއިރު، އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެއަށް ފަހު ނަސީބާއި އިރުފާނު ސައިކަލުގައި މާރާމާރީ ހިންގި މީހުން ގޮވައިގެން އެ ސަރަހައްދުން ގޮސް އެމީހުން ފިލުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެ މައްސަލަ ބެލުމަށް މީގެ ކުރިން ފަނޑިޔާރުންގެ ބެންޗެއް ވެސް އެކުލަވާލި އެވެ. ނަމަވެސް ފަހުން ވަނީ އެ ބެންޗު އުވާލައިފަ އެވެ.