ލަންޑަން (ފެބްރުއަރީ 15): އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ނައްޓާލިފަހުން ފްލައިޓުގެ ކޮކްޕިޓް ތެރެއަށް ލޭޒާ އެޅުވުމުގެ ސަބަބުން ފްލައިޓް އަނބުރާ އެއާޕޯޓުގައި ޖައްސަން ޖެހިއްޖެ އެވެ.

ވާޖިން އެޓްލާންޓިކްގެ ވީއެސް 520 އަށް އެ ހާދިސާ ދިމާވި އިރު ބޯޓުގައި 252 ފަސިންޖަރުންނާއި 15 ކްރޫ މެމްބަރުން ތިބި ކަމަށް އެއެއާލައިނުން ބުންޏެވެ.

ފްލައިޓް އަނބުރާ ހީތްރޯ އެއާޕޯޓުގައި ޖައްސަން ޖެހުނީ "ލޭޒާ އެއް [ފްލައިޓް ތެރެއަށް] ދިއްލުމުން ޕައިލަޓަކަށް ސިއްހީ މައްސަލައެއް ދިމާވުމުގެ ސަބަބުން" ކަމަށް ކްރޫ މެމްބަރުން އެއާ ޓްރެފިކް ކޮންޓްރޯލަށް އަންގާފައިވާ ކަމަށް ފްލައިޓް ރިކޯޑިންތަކުގައިވެ އެވެ.

ވާޖިން އެޓްލާންޓިކުން ނެރުނު ބަޔާނެއްގައިވާ ގޮތުން ފްލައިޓް އަނބުރާލީ "ލޭޒާ ބީމް ހާދިސާއެއް ދިމާވުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި" އެވެ.

"އެ ހާދިސާއާ ގުޅިގެން ޕައިލަޓް ވަނީ އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް ބުނެފައި. އެހެން ކަމުން ހީތްރޯ އެއާޕޯޓުގައި އަނބުރާ ޖެއްސުމަށް ދެޕައިލަޓުން ނިންމީ،" ވާޖިން އެޓްލާންޓިކުގެ ބަޔާނުގައިވެ އެވެ.

ފުލުހުން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނާ ގޮތުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި އެފަދަ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު "ވަރަށް ބާރުގަދަ" ލޭޒާއެއް ބްރިޓިޝް އެއާވޭސްގެ ކޮކްޕިޓް ތެރެއަށް އެޅުމުގެ ސަބަބުން ޕައިލަޓެއްގެ ލޮލަށް ގެއްލުންވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"ދަތުރުކުރަމުންދާ ފްލައިޓެއްގެ ތެރެއަށް ޕައިލަޓަށް އުނދަގޫވާ ގޮތަށް އަލި އަޅުވާ" މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ގޮތަށް އިނގިރޭސިވިލާތުން ވަނީ 2010 ވަނަ އަހަރު ގާނޫނެއް ފާސްކޮށްފަ އެވެ. (ގާޑިއަން)