15 Feb 2016, 10:06
މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ، އެ ފައިސާ އަށް ހިޔާނަތްވި ކަމުގެ ތުހުމަތުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އެ މައްސަލަ މިއަދު ކެންސަލް ކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވަނީ އެ ކޯޓީގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ. ނަމަވެސް ރޭ އޮތް ޖޭއެސްސީގެ ބައްދަލުވުމުން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކުރީ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވިދާޅުވީ އެބޮނީ ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރުގެ ޗެކާ އޭނާ ހަވާލުވެފައިވާނެ ކަމަށާއި ނަމަވެސް އެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް އިންކާރު ކުރާކަމަށެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.
އެ ދުޗަހުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަތުގެ ގާނޫނީ ވަކީލު ވިދާޅުވީ މާލިއްޔަތު ގާނޫނުގެ 48 ވަނަ މާއްދާގެ 48 ވަނަ މާއްދާގެ (ށ) ގައިވާގޮތުން އެފަދަ މައްސަލަތައް ތަހުގީގުކުރަން އަންގަންޖެހޭނީ އެޓާނީ ޖެނެރަލް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ އެ އުސޫލާ ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ކަމަށާއި ޒިޔަތުގެ ގާނޫނީ ވަކީލު ފާހަގަކުރެއްވި ގަވާއިދަކީ މިހާރު އަމަލު ކުރަމުން އަންނަ ގަވާއިދެއއް ނޫން ކަމަށެވެ.
ޒިޔަތުގެ ވަކީލު ވިދާޅުވީ އޭނާގެ ކަންފަތް ވަނީ ބައްވެފައި ކަމަށެވެ. އަދި އޭނަގެ އަނގުއަނބި މިހާރު ބަނޑު ބޮޑު ކަމަށާއި އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ޒިޔަތު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.