ވޮޝިންޓަން (ފެބްރުއަރީ 15) : އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އެންޓަނިން ސްކާލިޔާ އަވަހާރަވުމާ ގުޅިގެން އޭނާގެ މަގާމަށް އެހެން ބޭފުޅަކު ހަމަޖެއްސުމުގެ ކަންތައް އެމެރިކާގައި ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސްކާލިޔާގެ ބަދަލުގައި އެހެން ބޭފުޅެއްގެ ނަން ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވަރަށް އަވަހަށް އިޚްތިޔާރު ކުރައްވާނެ ކަމުގަ އެވެ. ނަމަވެސް އެމެރިކާގެ ކޮންގްރެސްގައި އަޣްލަބިއްޔަތު އޮންނަ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ ނަން އިޚްތިޔާރު ކުރުމުގެ ކަންތައް ފަސްކޮށްދިނުމަށް އޮބާމާގެ ކިބައިން އެދިފަ އެވެ. އެމެރިކާގެ ސްޕްރީމް ކޯޓުންވަނީ ހިޖްރައާ ބެހޭ ގޮތުންނާ އަދި މުސުމާ ބެހޭ ގޮތުން ރައީސް ބަރަކް އޮބާމާ ކުރައްވާ އެތައް މަސައްކަތެއް ގާނޫނުގެ ބާރު ބޭނުންކޮށްގެން ހުއްޓުވައިފަ އެވެ.

އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންގެ ނަންތައް ސެނެޓަށް ހުށަހަޅުއްވާނީ އެމެރިކާގެ ރައީސެވެ. ރައީސް ފޮނުއްވާ ނަންތައް ފާސްކުރާނީ ސެނެޓްގެ އަޣްލަބިއްޔަތުންނެވެ. ސެނެޓުން ފާސްކުރާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުމުރުދުވަހަށް މަގާމުގައި ތިބޭ ބައެކެވެ. ނަމަވެސް އެމީހުންނަކީ އެމެރިކާގެ މައި ދެޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީން ނުސީދާ ގޮތެއްގައި ކޮންޓްރޯލް ކުރާބައެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއްކަމަށް ގާނޫނުގައި ބުނި ނަމަވެސް ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހަތަރު މީހުންނަކީ ސެނެޓްގައި އޮތް ޑިމޮކްރެޓިކް ޕާޓީގެ އަޣްލަބިއްޔަތުން އައްޔަން ކޮށްފައިވާ ފަނޑިޔާރުންނެވެ. އަނެއް ފަސްފަނޑިޔާރުންނަކީ ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ އަޣްލަބިއްޔަތު އޮތް ދުވަސްވަރު އައްޔަން ކުރި ބައެކެވެ. މިގޮތަށް އެމެރިކާގެ ރައީސް އާއި ސެނެޓް މެދުވެރިކޮށް އެމެރިކާގެ މައި ދެ ޕާޓީއަށް ހަމަހަމަކަން ލިބޭ ގޮތަށް ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުން ދެޕާޓީގެ ވިސްނުން ސުޕްރީމް ކޯޓުގައި ހަމަހަމަވާނެތީ ސުޕްރީމް ކޯޓުގެ ނިންމުންތައް އިންސާފުވެރިވާނެ ކަމަށް އެދެޕާޓީ ދެކެ އެވެ. އަވަހާރަވި ފަނޑިޔާރު ސްކާލިޔާއަކީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޑޮނަލްޑް ރޭގަން އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އިޚްތިޔާރު ކުރެއްވި ބޭފުޅެކެވެ.

މިއާ އެކު ރިޕަބްލިކަން ޕާޓީގެ މެންބަރުން މިހާރު ބޭނުން ވަނީ މި ނިސްބަތަށް ބުރޫނާރާ ގޮތަށް ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށެވެ. އޭރުން ސްުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ ނުސީދާ ކޮންޓްރޯލް އެޕާޓީ އަށް އޮންނާނެތީ އެވެ. މިކަމަށް ޓަކައި އެޕާޓީން ބޭނުންވަނީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރައީސަކުން އިންތިޚާބުވާނެ ކަމަށް ބަލައި އައު ފަނޑިޔާރުގެ ނަން ސެނެޓަށް ހުށަހަޅުއްވާ ފަރާތަކީ އެމެރިކާގެ އައު ރައީސް ކަމަށް ހެދުމަށެވެ. އޮބާމާ، ފަނޑިޔާރެއްގެ ނަން އިޚްތިޔާރު ކުރައްވާނަމަ އެބޭފުޅަކު، ރިޕަބްލިކަން ޕާޓީ އެދޭ ބޭފުޅަކަށް ނުވާނެކަމަށް އެޕާޓީން ދެކެއެވެ. އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ނުކޮށް 125 ދުވަހަށް ވެސް ދިގު ދަންމާފައިވެ އެވެ. (ބީބީސީ)