އަލްގުދުސް (ފެބްރުއަރީ 15): އިސްރާއީލް ސިފައިންނަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ބުނެ އެގައުމުގެ ސިފައިން، ފަލަސްތީނުގެ ތިން ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ.

ފަލަސްތީނުގެ ވެސްޓް ބޭންކުގައި އިއްޔެ ހިނގި އެހަމަލާތަކުގައި އިސްރާއީލް ސިފައިންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވެ އެވެ.

އިސްރާއީލް ސިފައިން ބުނި ގޮތުގައި 15 އަހަރުގެ ދެ ފިރިހެން ކުދިންނަށް އިސްރާއީލްގެ ފައުޖުތަކުން ހަމަލާދޭން ޖެހުނީ އެކުދިން ސިފައިންނަށް ބަޑިން ހަމަލާދޭން މަސައްކަތް ކުރުމުންނެވެ. އަދި 17 އަހަރުގެ އެހެން ކުއްޖެއްގެ ގަޔަށް ބަޑިޖެހީ އަލްގުދުސްއަށް ވަންނަ މަގުގައި ހުންނަ ޗެކްޕޮއިންޓެއް ކައިރިން އިސްރާއީލްގެ ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުންޏެވެ.

މީގެ އިތުރުން، 17 އަހަރުގެ އަންހެންކުއްޖަކު ޒަހަމްކޮށްލީ އިސްރާއީލް ފުލުހަކަށް ވަޅިން ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށް އިސްރާއީލްގެ ފުލުހުން ބުންޏެވެ. ނަމަވެސް، ފަލަސްތީނު މީޑިއާތަކުން ބުނާ ގޮތުގައި އެއަންހެންކުއްޖާއަށް އިސްރާއީލް ފުލުހުން ހަމަލާދިނީ އޭނާގެ 14 އަހަރުގެ ކޮއްކޮއާއެކު ޗެކްޕޮއިންޓެއް ހުރަސްކުރަނިކޮށެވެ. އަދި އެދެ ކުދިންވެސް ފުލުހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައި ނުވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 160 މީހަކު ގަސްތުގައި މަރާލާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރާލީ އިސްރާއީލް ސިފައިންނަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ބުނެ އިސްރާއީލް ސިފައިންނެވެ. (ބީބީސީ)