15 Feb 2016, 10:14
އެސްޓީއޯ އިން މެދުނުކެނޑި ނުވަ އަހަރު ކުރިއަށް ގެންގޮސްފައިވާ ޗޮކްލެޓް ވީކް މިއަހަރު ވެސް ފަށައިގެން ކުރިއަށް ގެންދާ އިރު، އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ކަސްޓަމަރުންގެ ސަޕޯޓް ރަނގަޅުކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ ބްރޭންޑް މެނޭޖަރު މުހައްމަދު ޝުޖާއު "ސަން" އަށް ވިދާޅުވީ، ޗޮކްލެޓް ވީކް ފަށައިގެން ކުރިއަށްދާ އިރު، ސުޕަމާޓްއަށް ވިޔަފާރިކުރަން ދާ ހުރިހާ ކަސްޓަމަރުން ކަހަލަ ގޮތަކަށް ޕްރޮމޯޝަންގައި ބައިވެރިވާ ކަމަށެވެ.
"އެހެން އަހަރުތަކާ އަޅާ ބަލާ އިރު ކަސްޓަމަރުންގެ ސަޕޯޓް މާބޮޑަށް ވެސް ރަނގަޅު. ސުޕަމާޓް އަށް ވިޔަފާރި ކުރަން އަންނަ ކޮންމެ ކަސްޓަމަރެއް ކަހަލަ ގޮތަކަށް ދަނީ ޗޮކްލެޓް ވީކް ޕްރޮމޯޝަންގައި ބައިވެރިވެ ވިޔަފާރިއެއް ކޮށްގެން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮމޯޝަން ފަށައިގެން މިއަދަކީ ފަސްވަނަ ދުވަހަށްވާ އިރު، މިހާތަނަށް ގާތްގަނޑަކަށް 5000 ކަސްޓަމަރުން ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެއީ ފާހަގަކޮށްލަންޖެހޭ ކުރިއެރުމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ، މިފަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިފަހަރުގެ ޕްރޮމޯޝަންގައި ވެސް ޗޮކުލެޓުން ހާއްސަ ޑިސްކައުންޓުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
ޗޮކުލެޓުގެ 200 ރުފިޔާ އަށް ވުރެ މަތީ ވިޔަފާރިތަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ. އަދި އެ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ލަކީޑްރޯއަކުން ނަސީބުވެރި ތިން މީހަކު ހޮވައި، އެ ތިން ފަރާތަކަށް އެކި ވައްތަރުގެ ޗޮކުލެޓު ހިމެނޭ ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި ވަކި އައިޓަމްތަކަކުން "ބައިވަން ގެޓްވަން ފްރީ" އޮފާއެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މި ފަހަރުގެ ޕްރޮމޯޝަންގައި، ލިންޓު، ބައުންޓީ، ކެޑްބަރީ، ޓްވިކްސް ސްނިކާސް، މާސް، ބަލްސަން، ގެލެކްސީ، ކިޓްކެޓު، ޓޮބްލެރޯންގެ އިތުރުން ޖެމްސް އާއި ފެރާރޯގެ ފަދަ ބްރޭންޑުތަކުުގެ ޗޮކުލެޓު ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.