15 Feb 2016, 09:41
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަނާ ގުޅިގެން އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ 26 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ. އެ މައްސަލަ ފާސް ކުރުމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ.
ކުއްލި މައްސަލަ މަޖިލީހަށް އިއްވައިދެއްވަމުން ދީދީ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އޮޑިޓް ރިޕޯޓުން ފާހަގަކުރެވި، އެކަމުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޒިންމާ އަދާކުރައްވަން ތިއްބެވި ގިނަ ފަރާތްތަކުގެ ތެރެއިން ގިނަ ބޭފުޅުންނަށް ޒިންމާ އަދާ ކުރެވިފައި ނުވާ ކަމަށެވެ.
"މިކަން ހިނގައިދިޔައިރު ދައުލަތުގެ ގިނަ ބާރުތައް ފެއިލްވެފައިވާ ކަމަށް އަޅުގަނޑަށް ފެންނާތީ އެކަން ސަރުކާރާއި ޖުޑިޝަރީއާ މި މަޖިލީހުގެ ސަމާލުކަމަށް ގެނެސް، މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހަޅާ ކުއްލި މައްސަލަ،" ދީދީ ވިދާޅުވި އެވެ.
އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ދައުލަތުގެ 1.2 ބިލިއަން ރުފިޔާއަށް ބަޔަކު ހިޔާނާތްތެރިވެފައިވާކަން މި މަސް ތެރޭގައި އޮޑިޓް އޮފީހުން އޮޑިޓާ ޖެނެރަލް ސޮއިކުރައްވާ ނެރުއްވި ރިޕޯޓުން ހާމަވެގެންދާ ކަމަށެވެ.
އެމްއެމްޕީއާރްސީއާ ގުޅިގެން އޮޑިޓާ ޖެނަރަލް މި މަހުގެ ފަސްވަނަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީއަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށެވެ.
ފައިސާ ދޫކޮށްފައިވާ އަމިއްލަ ކުންފުނިތަކުގެ ނަންތައް ވެސް އޮޑިޓްރިޕޯޓްގައި ހާމަކޮށްފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ދައުލަތަށް ހޯދަން ޖެހޭ ފައިސާގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 70.17 މިލިޔަން ޑޮލަރާއި މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓްލިމިޓެޑުން ހޯދަން ޖެހޭ 7.50 މިލިޔަން ޑޮލަރާއި މޮންޓްރިއަލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 1.15 މިލިޔަން ޑޮލަރާއި އެހެން އަމިއްލަ ދެކުންފުންޏަކާއި ފަރުދެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 550000 ޑޮލަރު ކަމަށެވެ.
އެމްއެމްޕީއާރްސީން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓް އެމްއެމްޕީއާރްސީ މެދުވެރިވެގެން ޖުމްލަ 59 ތަނެއް ކުއްޔަށް ދޫކޮށްފައި ވާއިރު އޭގެ ތެރެއިން ހަ ތަނެއް ދޫކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެކު އެއްބަސްވުމެއް ނެތި ކަމަށް ވުން ހިމެނެއެވެ. އަދި އެ 59 ތަނުގެ ލީސް އެކުޒިޝަން ކޮސްޓްގެ ގޮތުގައި 96.86 މިލިޔަން ޑޮލަރު ލިބެން ޖެހޭ އިރު އޭގެ ތެރެއިން އެމްއެމްޕީއާރްސީން ބަލައިގަނެ ރަޝީދު ދޫކޮށްފައި ވަނީ 79.63 މިލިޔަން ޑޮރު ކަމަށެވެ. އަދި 79.63 މިލިޔަން ޑޮލަރުގެ ތެރެއިން އެކޯޕަރޭޝަނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.50 މިލިޔަން ޑޮލަރު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެކޯޕަރޭޝަނުން ޗެކްގެ ގޮތުގައި ބަލައިގަނެފައިވާ 1.80 މިލިޔަން ޑޮލަރު އެއްވެސް ބޭންކް އެކައުންޓަކަށް ޖަމާކޮށްފައި ނުވާ ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.