އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ފައްޓައިފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނާ އެކު މި އަހަރަށް ހުޅުވިގެން ދިޔަ މަޖިލީހުގެ ޖަލްސާތައް ނުފަށާ މަޑުޖައްސާލައިފައި ވަނީ މަޖިލީހުގެ ޗެމްބަރު ތެރޭގައި ކަރަންޓު ޝޯޓެއްވެ، ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އިން މަޖިލިސް ޗެމްބަރު މަރާމާތުކޮށް ނުނިމޭތީ އެވެ.

މިދިޔަ އަހަރުގެ މަޖިލީހުގެ ޖަލްސާތައް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުނު ފަހުން ދެ އަހަރު ފުރިފައިވާ އިރު ދެ އަހަރު އެއްކޮށްލައިގެން 259 މައްސަލައެއް މަޖިލީހަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރެއިން 251 މައްސަލަ މަޖިލީހުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަސީހް ވިދާޅުވީ ދެ އަހަރު އެއްކޮށްލައިގެން މަޖިލީހުގެ އުފެއްދުންތެރިކަން އުޅެނީ 97 ޕަސެންޓުގައި ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާތައް ފައްޓަވަމުން މަސީހު ވިދާޅުވީ މިއަހަރު ވެސް ރައްޔިތުންގެ މަޖިލީހަކީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.