ސިޔާސީ ނުތަނަވަސްކަން އުފެދުމުން އޮންނަނީ ހުޅުޖެހުމެވެ. ބަނދަރުގައި އޮތް އޮޑިއެއް ކަނޑައިގެން ބަޔަކު ފިލުމެވެ. ނޫނީ ބޭރުގެ ބަޔަކަށް ރަށެއް ދޭން ބުނެގެން ތޮޅެން ގެނައުމެވެ. އެއީ ރާއްޖޭގެ މާޒީ އެވެ.

ދުނިޔެ ބަވަނަވެ، މުޅިން އެހެން ސިފައެއް ޖަހާ އަޅުވެތިކަމަކުން ގައުމުތައް ބަނދެވުނު ފަހުން އެކަން ބަދަލުވެއްޖެ އެވެ. ބުނެވި ދިޔަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ހިނގި ނަމަވެސް މިހާރު އޮންނަނީ ވާހަކަ ދެއްކުމެވެ. "އެންމެން ބައިވެރިވާ ވާހަކަ"ތަކާއި ސުލްހައިގެ ވާހަކަ"ތަކާއި މިފަދަ އެތައް ވާހަކަ ދެއްކުން ތަކެކެވެ.

ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި އެފަދަ ވާހަކަ ދެއްކުންތައް ފެށުނު އިރު، އެއީ ކާމިޔާބު ވާހަކަތަކެއް ކަމަށް ބުނެވޭ ވަރުގެ ބައެއް ނަތީޖާތައް ވަނީ ނުކުމެވެ. ޚާއްސަ މަޖިލީހުގެ ރައީސަކަށް ހުންނެވި، މައުމޫނުގެ އަނބިކަނބަލުންގެ ބޭބެ އައްބާސް އިބްރާހީމް އެމަގާމުން ދުރަށް ޖައްސައި، "އިސްލާހަށް" މަސައްކަތް ކުރާ މީހުންގެ ތެރެއިން މީހަކު އެ މަގާމަށް ގެނައީ އެފަދަ ވާހަކަތަކެއްގެ ތެރެއިންނެވެ. އެއް ގޮތަކަށް ވެސް ކުރިއަށް ނުކަނޑައިގެން އުޅުނު ގާނޫނު އަސާސީގެ މަސައްކަތް ކުރު މުއްދަތެއްގައި ނިމި، މުޅިން އެހެން ބާވަތެއްގެ ނިޒާމަކަށް ރާއްޖެ ބަދަލުވުމުގައި އެ ވާހަކަތަކުގެ ދައުރެއްވެ އެވެ. އެއަށް ފަހު ބޭއްވި، ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބުގައި މައުމޫނު ބަލިކުރެއްވި ކެންޑިޑޭޓާ ދެކޮޅަށް އެހާތަނަށް އުފުލިފައި އޮތް ދައުވާތައް އަނބުރާ ގެންދިޔައީ ވެސް ވާހަކަތަކެއްގެ ތެރެއިންނެވެ. ބޭރު މީހުން ވެސް ބައިވެރިވެގެން ދެއްކި ވާހަކަތަކަކުންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ވާހަކަތައް ބާއްވަން ޖެހޭ ހާލަތުތައް އަ އެވެ. ނަމަވެސް ވާހަކަތައް ބޭއްވޭނެ ގޮތެއް ނުވެ، ސިޔާސީ ވެރިން މަގުތަކުގައި ތިބެ، އެ ވެރިކަން އިންދިރާސްވެ ދިޔައީ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވާހަކަތައް ދައްކަން ޖެހުނީ ވެސް އެކަމާ ގުޅިގެންނެވެ. އޭރު މުޅި ދުނިޔެ އިން ވެސް ދިޔައީ އެކަމަށް ގޮވަމުންނެވެ. ކޮމަންވެލްތުންނާއި ޔޫރަޕިއަން ޔޫނިއަންއާއި ދުރު ގައުމުތަކާއި އަވަށްޓެރި ގައުމުތަކުން ވެސް އެކަމަށް ގޮވި އެވެ. އޭރު ހުންނެވި ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު އެކަމަށް އިޖާބަ ދެއްވި ވެސް މެ އެވެ. އެންމެ ބޮޑެތި ހަތުރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރައީސް އޮފީހަށް ގެންދަވައި، އެތައް އިރެއް ވަންދެން ވާހަކަ ދެއްކެވި އެވެ. ނަމަވެސް ނަތީޖާ ހަމަ ސުމެކެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ވަރަށް ހަލުވި މަގުން ކުރި ޝަރީއަތަކުން ކުށް ސާބިތުވެ، އެމަނިކުފާނު ޖަލަށް ލުމުން އިދިކޮޅު މީހުން މަގުތަކަށް ނުކުތެވެ.

އެހިސާބުން އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު މަޝްވަރާތަކެއް ކުރި އެވެ. ނަމަވެސް އެ މަޝްވަރާތަކުން މަޝްރަހަށް އައި ފިނިކަމެއް ނެތެވެ. ސަރުކާރާއި އިދިކޮޅު އެމްޑީޕީއާއި ދެމެދު ކުރިން ކުރި މަޝްވަރާތަކުން ވަނީ ނަތީޖާއެއް ހާސިލު ނުވެފަ އެވެ.

ސިޔާސީ ގިނަ ލީޑަރުންތަކެއް ޖަލަށް ލެވި، އެއްބަޔަކު އަމިއްލައަށް އަރުވާލެވިގެން ތިބޭ ހާލަތަކަށް ދިއުމުން، ސިޔާސީ މަޝްވަރާތައްކޮށް، ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ބައިނަލް އަގުވާމީ މުޖުތަމައުން މިހާރު ވަނީ އަނެއްްކާ ވެސް ގޮވައިލަން ފަށައިފަ އެވެ.

ކޮމަންވެލްތުން ވަނީ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ބައެއް ސިޔާސީ ލީޑަރުންނާ ވެސް ބައްދަލުކޮށް، މަޝްވަރާތައްކޮށްފަ އެވެ. ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވި އެވެ.

ކޮމަންވެލްތުގެ ވަފުދުގެ ޒިޔާރަތާއި ހަމަ އެއް ދުވަސްވަރެއްގައި ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. ދެ ވަފުދުން ވެސް ގޮވާލާފައި ވަނީ ވާހަކަތައް ކުރިއަށް ގެންދިއުމަށެވެ. ޔޫރަޕިއަން ޕާލަމެންޓުން ވަނީ ވާކަތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކައިފަ އެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދުގެ ވެރިއަކަށް ހުންނެވި ޖީން ލަމްބާޓް ވިދާޅުވީ ސިޔާސީ ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށް ނުލައި، މަޝްވަރާ ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"...މަޝްވަރާތައް ކުރިއަށް ގެންދަން ވަރަށް އުނދަގޫވާނެ ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިބެން ޖެހޭ ނަމަ،" އޭނާ ވިދާޅުވި އެވެ.

ޔޫރަޕުގެ ގައުމުތަކުން ނުވަތަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ސިޔާސީ ވަކި ބޭފުޅަކަށް ތާއީދު ކުރާ ކަމަށް ސަރުކާރުން ކޮށްފައިވާ ތުހުމަތަށް ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދުން ވަނީ ރައްދު ދީފަ އެވެ.

ވަފުދުގެ ނައިބު ރައީސް އަދި ޔޫރަޕިއަން ޕާލަމެންޓްގައި އިނގިރޭސިވިލާތް ތަމްސީލުކުރައްވާ މެމްބަރެއް ކަމަށްވާ ރިޗަޑް ކޯބެޓް ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދު ރާއްޖެ އަށް އައީ ވެސް ޑިމޮކްޓިކް ވެލިއުތައް ރާއްޖޭގައި ކުރިއެރުވުމަށް ޓަކައި އެންމެންގެ އަޑުވެސް އަހައި އެންމެންނާ ވެސް ވާހަކަ ދައްކަން އިހުލާސްތެރިކަމާ އެކު ބޭނުންވާކަން ހާމަކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވަކި ޕާޓީއަކަށް ޔޫރަޕުން ތާއީދު ނުކުރާ ކަމަށް ބައްދަލުވުންތަކުގައި ވަފުދުން ބުނެފައި ވާނެ ކަމަށެވެ.

"...އަހަރެމެން ބައްދަލުވުންތަކުގައި ވެސް ބުނެފައި ވާނެ. އަދި ޕަބްލިކްކޮށް ވެސް މިހާރު މިބުނަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެއް ޕާޓީއަކަށް ނުވަތަ ވަކި އެއް ސިޔާސީ ލީޑަރަކަށް ޔޫރަޕުން ތާއީދެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޕާލަމެންޓާއި ކޮމަންވެލްތުގެ ގޮވައިލުންތަކަށް ފަހު ސަރުކާރުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބުނެފައި ވަނީ މަޝްވަރާތަކަށް ދައުވަތު ފޮނުވުމާއި، މަޝްވަރާތައް ބޭއްވުމުގެ އިންތިޒާމްތައް ރައީސް އޮފީހުން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. ސަރުކާރުގެ އެ ނިންމުމާ އެކު މައްސަލަ އަށް ފިނިކަމެއް އަ އެވެ. އަދި އެއާ އެކު ޔޫރަޕުގެ ބާރު ގަދަ ގައުމުތަކުން މަރުހަބާ ކި އެވެ.

ނަމަވެސް އެފަދަ އިންތިޒާމުތަކެއް ކުރައްވާތަނެއް އަދިއެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ބައެއް ގޮވައިލުންތަކާ ދެކޮޅު ހަދާކަން ދޭހަވާ ފަދަ ކަންތައްތައް ސަރުކާރުން ވަނީ ކޮށްފަ އެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ހަރުކަށި ދެތިން ކޮމެންޓެއް އެހިސާބުން އަނެއްކާ ވެސް ވަނީ އައިސްފަ އެވެ. އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މިޝަނުން ހޮނިހިރު ދުވަހު ކުރި ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރާއްޖެއާ މެދު ގޮތެއް ނިންމާނީ ދައްކާ ވާހަކަ އަށް ވުރެ އަމަލުތަކަށް ބަލައިގެން ކަމަށެވެ. ހަމަ އެދުވަހު ކުރި އިތުރު ޓުވީޓެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންދިއުމަކީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސް އެޅޭ ފަދަ ކަމެއް ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ވެސް ބުނެފައި ވަނީ މަޝްވަރާ ކުރެވޭނީ ސިޔާސީ ވެރިން ދޫކޮށްލުމުން ކަމަށެވެ.

މިހާރު ފެންނަމުން މިދާ މަންޒަރަށް ބަލާއިރު "ވާހަކަތައް ބޭއްވިދާނެތޯ؟ ވެސް ސުވާލު އުފެދެ އެވެ. "ބޭއްވިއްޖެ ނަމަ ނަތީޖާއެއް ނުކުމެދާނެތޯ؟" މިސުވާލަކަށް ޖާގައެއް ވެސް އަދި ނުލިބެ އެވެ.