ހިޖްރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ހަވަނަ ދުވަހެވެ. އުޙުދު ހަނގުރާމައިގެ އެއްދުވަސް ކުރިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ދަރަޖަ މަތިވެރި ޞަޙާބީންނާއިގެން އުޙުދުގެ މައިދާނަށް ދަތުރުކުރެއްވި މަގުމަތީގައި، މަދީނާއާއި އުޙުދާ ދެމެދު ރޭކުރުކޮށްލެއްވުމަށްޓަކައި މަޑުކޮށްލެއްވިއެވެ. އެރޭގެ މަޣުރިބު ނަމާދާއި ޢިޝާނަމާދު ކުރެއްވީ އެތާނގައެވެ. ޞަޙާބީންގެ ތެރެއިންالسّابقون الأوّلونގެ މުޤައްދަސް ޖަމާޢަތުގެ ދެބޭކަލެއް ނަމާދަށްފަހު އެއްފަރާތެއްގައި ވާހަކަ ދައްކަވަން ތިއްބެވިއެވެ. ވާހަކަފުޅުގެ މައުޟޫޢަކީ، މާދަމާގެ ހަނގުރާމައެވެ. ދެބޭކަލުންގެ ވާހަކަފުޅުގެ ތެރޭގައި، އޭގެތެރެއިން އެއްބޭކަލެއް ދުޢާފުޅެއް ކުރެއްވުމަށްޓަކައި އަތްޕުޅު އުފުއްލަވައިލެއްވިއެވެ. އެކަލޭގެފާނު ދުޢާފުޅުކުރެއްވިއެވެ.

"އަޅުގެ އިލާހުވަންތަ ރަސްކަލާކޯއެވެ! މާދަމާ އަޅަމެން ދުޝްމިނުންނާ ބައްދަލުވާހިނދު، ވަރަށް ގަދަފަދަ ކުޅަދާނަ ހެއްވަކު އަދި މުސްލިމުންދެކެ އިންތިހާޔަށް ރުޅިއައިސްފައިހުރި މީހަކު، މިއަޅާގެ ކުރިމައްޗަށް ނެރުއްވާނދޭވެ! އެމީހަކު މިއަޅާއާ ހަނގުރާމަކޮށް، މިއަޅާ އެމީހަކާ ހަނގުރާމަކުރުމަށްޓަކައެވެ. ދެން މިއަޅާ އެމީހެއްގެ މައްޗަށް ގަދަކުރައްވާނދޭވެ! މިއަޅާ އިބަރަސްކަލާނގެ މަގުގައި އެމީހަކު ޤަތުލުކުރުމަށްޓަކައެވެ."

އަޑުއައްސަވަން އިންނެވި ޞަޙާބީ، އެކަލޭގެފާނުގެ ދުޢާފުޅަށް އާމީން ވިދާޅުވިއެވެ. އެއަށްފަހު އެކަލޭގެފާނުވެސް ދުޢާފުޅަކަށް އަތްޕުޅު ނެންގެވިއެވެ.

"މިއަޅާގެ ވެރި ރަސްކަލާކޯއެވެ! މާދަމާ މިއަޅާގެ ކުރިމައްޗަށް ވަރަށް ހިތްވަރުގަދަ، ގަދަފަދަ މީހަކު ނެރުއްވާނދޭވެ! މިއަޅާ އެމީހަކާ ހަނގުރާމަކޮށް އެމީހަކު މިއަޅާއާ ހަނގުރާމަކުރުމަށްޓަކައެވެ. ހަނގުރާމަކުރަމުންގޮސް އިބަރަސްކަލާނގެ މަގުގައި މިއަޅާ އެމީހެއްގެ އަތުން ޤަތުލުވެއްޖައުމަށް ދާންދެނެވެ. އެއަށްފަހު އޭނާ މިއަޅާގެ ނޭފަތާއި ކަންފަތް ކެނޑުމަށް މިންވަރު ކުރައްވާނދޭވެ! މިއަޅާ އިބަރަސްކަލާނގެ ޙަޟުރަތަށް ހާޒިރުކުރެއްވޭހިނދު، އިބަރަސްކަލާނގެ މިއަޅާއާ ސުވާލުކުރެއްވުމަށްޓަކައެވެ. ކަލޭގެ ނޭފަތާއި ކަންފަތް ކަނޑައިލެވުނީ ކީއްވެގެން ހެއްޔެވެ؟ މިއަޅާ ދަންނަވާނަމެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެއީ އިބަރަސްކަލާނގެއާއި، އިބަރަސްކަލާނގެ ރަސޫލާއަށްޓަކައެވެ. މިއަޅާގެ ޖަވާބާމެދު އިބަރަސްކަލާނގެ ވަޙީކުރެއްވުމަށްޓަކައެވެ. ކަލޭގެ ތިޔަ ބުނީ ތެދެކެވެ."

سبحان اللّـهއެވެ! އިސްލާމްދީނުގެ ކިހައި މަތިވެރި ޢާޝިޤެއްތޯއެވެ؟ އެކަލޭގެފާނުގެ ހިތްޕުޅުގައި ޝަހީދުވެވަޑައިގަތުމުގެ ޝައުޤުވެރިކަން އެވަނީ ކިހައިވަރުގަދަޔަކަށްތޯއެވެ. މި ދުޢާކުރެއްވި ބޭކަލަކީ،عبد اللّـهبن جحشرضى اللّـه عنــهއެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ލޮބުވެތި ކޮއްކޯފުޅެކެވެ. އިތުރު ސާހިބާގެ ބޮޑުދައިތާފުޅުأميمة بنت عبد المطّلبގެ ދަރިކަލެކެވެ. އިސްލާމީ ތާރީޚުގައި އެކަލޭގެފާނުގެ ނަންފުޅާ ގުޅައިލެވިފައިވާ ފަޚުރުވެރި ލަޤަބަކީ،المجدع فى اللّـهގެ ޝަރަފުވެރި ލަޤަބުފުޅެވެ. އެކަލޭގެފާނުގެ އަރިހުގައި ދެން އިންނެވި ބޭކަލަކީވެސް، ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ ހެޔޮ ޚަބަރުދެއްވައިފައި މަޝްހޫރު ދިހަ ބޭކަލުންކުރެ އެއްބޭކަލެކެވެ. ޢިރާޤު ޢަރަބުގެ ފާތިޙުسعد بن أبى وقّاص رضى اللّـه عنــهއެވެ.

ވިދިގެންއައި ދުވަހު އުޙުދުގެ މައިދާނުގައި މުސްލިމުންނާއި މުޝްރިކުން ބައްދަލުވެ، ހަނގުރާމައިގެ އުޑި އެނބުރިގަތުމާއެކު،عبد اللّـهبن جحشرضى اللّـه عنــهހަނގުރާމަ ކުރައްވަމުން ގެންދެވީ، އެކަލޭގެފާނުގެ ހިތްޕުޅުގެ މުރާދު އަމާޒަކަށް ބައްލަވައިގެންނެވެ. ފުރާނަފުޅަކަށް، ހަށިކޮޅަކަށް ބެއްލެވުމެއްނެތިއެވެ. ވަދެވަޑައިގަންނަވަމުން ގެންދެވީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދޮރުތަކުންނެވެ. ޙައިރާންވެ އަންތަރީސްވާފަދަ ހިތްވަރުފުޅާއި ޖޯޝާއެކުގައެވެ. އެގޮތުގައި ހަނގުރާމަކުރައްވަމުން މުޝްރިކުންނަށް އަހުވަދައްކަވަމުން ގެންދަވަނިކޮށް،عبد اللّـهގެ ކަނޑިކޮޅު ބިންދައިގެން ހިނގައްޖެއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަށް އެތަން ފެނިވަޑައިގަތުމުން، ކަދުރު ރުކެއްގެ ވަރުގަދަ އޮށިގަނޑެއް،عبد اللّـهއަށް ދެއްވިއެވެ.عبد اللّـهކަނޑިކޮޅުގެ ބަދަލުގައި އެ އޮށިގަނޑުން ހަނގުރާމަ ކުރައްވަމުން ގެންދެވިއެވެ. އެވަގުތު މުޝްރިކުންގެ ވަރުގަދަ ހެއްވެއްކަމުގައިވާأبو الحكم بن أخنس الثقفىއަށް ފުރުޞަތެއް ލިބިގެން އެކަލޭގެފާނުގެ ހަށިކޮޅަށް ކަނޑިއެތިފަހަރެއް އަރުވައިލިއެވެ. އެ އެތިފަހަރުން އެކަލޭގެފާނު ޝަހީދުވެވަޑައިގެން، މައިދާނަށް ވެއްޓިވަޑައިގެންފިއެވެ. މުޝްރިކުން އެކަލޭގެފާނުގެ ހަށިކޮޅު މުޘްލާކޮށް، ކަންފަތްޕުޅާއި ނޭފަތްޕުޅު ކަނޑައިލިއެވެ. އަރަހުށި މާތްاللّـهއިސްލާމްދީނުގެ އެމަތިވެރި ޢާޝިޤު އެކަލާނގެ ޙަޟްރަތަށް ގެންދެވީ އެކަލޭގެފާނުގެ ދުޢާފުޅާ އެއްގޮތަށެވެ.

علاّمة إبن الأثير رحمه اللّـهރިވާކުރައްވައިފައިވެއެވެ. ހަނގުރާމަ ނިމުމަށްފަހު ޝަހީދުންގެ ޙާލުކޮޅު ބައްލަވަން ވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން،سعد بن أبى وقّاص رضى اللّـه عنــهއަށްعبد اللّـهبن جحشرضى اللّـه عنــهގެ ހަށިކޮޅުގެ ކައިރިޔަށް ވަޑައިގެންނެވުނެވެ.سعدގެފާނަށް އެހަށިކޮޅު ފެނިވަޑައިގަތުމުން ކުއްލިޔަކަށް ވިދާޅުވެވުނެވެ.

"މާތްاللّـهގަންދެމެވެ.عبد اللّـهގެ ދުޢާފުޅު، އަހަރެންގެ ދުޢާއަށްވުރެ މާހެޔޮކަން ބޮޑެވެ."

ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަލުންދެކެ ނުހަނު ލޯބިފުޅުވެއެވެ.عبد اللّـهبن جحشرضى اللّـه عنــهއަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ދަޢުވަތަށް އެންމެ ކުރީކޮޅުގައި އިޖާބަދެއްވި ބޭކަލުންކުރެ އެއްބޭކަލެކެވެ. އިތުރު ސާހިބާގެ ތެދުވެރި ޢާޝިޤެކެވެ. އިސްލާމްދީނަށްޓަކައި، ކައުސާހިބާއަށްޓަކައި ފިދާވެވަޑައިގަތުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ބޭކަލެކެވެ.

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّم، عبد اللّـهبن جحشދެކެ ވެވަޑައިގަންނަވާ ވަރުގަދަ ލޯބިފުޅުގެ ދަލީލަކީ، އުޙުދުގެ ޝަހީދުން ފަސްދާނުލެއްވިއިރު، ކައުސާހިބާصلّى اللّـه عليه وسلّمނުހަނު ލޯބިފުޅުވާ ބޮޑުބޭބޭފުޅުالسّيّد الشّهداء حمزة بن عبدالمطّلب رضى اللّـه عنــه(عبد اللّـهبن جحشގެ މާބެ) އާ އެއްވަޅުފުޅެއްގައިعبد اللّـهފަސްދާނުލެއްވިކަމެވެ. އެ ދެބޭކަލުން ފަސްދާނުލެއްވެވީ، ކައުސާހިބާصلّى اللّـه عليه وسلّمގެ މާތް ލޯފުޅުން އޮހޮރެމުންދިޔަ ބަރަކާތްތެރި ކަރުނަފޮދުން އެމާތް ދެ ޝަހީދުންގެ ހަށިކޮޅުގައި ހުވަނދުލައްވަމުންނެވެ.

السّيّدة زينب بنت خزيمة رضى اللّـه عنــهاއަކީ،عبد اللّـهبن جحشرضى اللّـه عنــهޝަހީދުވެވަޑައިގެންނެވިއިރު އިންނެވި ލޮބުވެތި އަނބިކަނބަލުންނެވެ. އޭރު އެކަމަނާ އިންނެވީ އާލާސްވެއެވެ. ލޮބުވެތި ފިރިކަލުން ޝަހީދުވެވަޑައިގަތުމުން ލިބިވަޑައިގެންނެވި ފުން ހިތާމަފުޅުގެ ސަބަބުން، އެކަމަނާ ވަނީ ހައްޔަރުން ނެއްޓިވަޑައިގެންފައެވެ.

ނަސަބުފުޅު

أمّ المؤمنين السّيّدة زينب بنت خزيمة رضى اللّـه عنــهاއަކީ،إسماعيل عليه السّلامގެ ދަރިކޮޅުގައި ހިމެނޭ ބަނޫޢާމިރު ވަންހައިގެ ގޮތްޕެއްކަމުގައިވާ ހިލާލުވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާގެ ޤަބީލާގެ މީހުން ދިރިއުޅެމުންދިޔައީ، ޔަމަނުކަރައިގައެވެ.

އެކަމަނާއަކީزينب بنت خزيمة بن الحارث بن عبد اللّـه بن عمر بن عبد مناف بن هلال بن عامر بن عامر بن صعصعةއެވެ.صعصعةވަންހަޔަކީ، ޢަރަބީންގެ ތެރޭގައި ހިތްވަރުގަދަކަމާއި ހަނގުރާމަވެރިކަމަށް މަޝްހޫރު ޤަބީލާއެކެވެ. އެކަމަނާގެ މައިކަނބަލުންނަކީهند بنت عوفއެވެ.هند بنت عوفއަށްވުރެ ޝަރަފުވެރި ދަނބިދަރިކަލުންތަކެއްގެ ނަސީބު ލިބިވަޑައިގެންނެވި އެއްވެސް އަންހެނަކު، ތާރީޚުގައި ފާހަގަކުރެވިފައެއް ނުވެއެވެ. ހަމައެކަނި މުސްލިމުންގެ ތެރެއަށް ނަޒަރު ހިންގާއިރުވެސް، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަމަނާގެ ދެދަރިކަނބަލަކާ ކާވެނިބައްލަވައިގެންނެވިއެވެ. އިސްލާމީ އުންމަތުގެ އެންމެ ވަރުގަދަ ތަނބުތަކުގެ ތެރެއިން،أمير المؤمنين أبوبكر الصّدّيق رضى اللّـه عنــهއާއި،أمير المؤمنين على بن أبى طالب رضى اللّـه عنــهއާއި،سيدالشّهداء حمزة بن عبد المطّلب رضى اللّـه عنــهއާއި،عبّاس بن عبد المطّلب رضى اللّـه عنــهއާއި،جعفر الطيّار رضى اللّـه عنــهއަކީ އެކަމަނާގެ އެކޮއްކޮއިންނެވެ. ޢަރަބިކަރައިގެ ޣައިރު މުސްލިމު އަޝްރާފުންގެ ތެރޭގައިވެސް، އެކަމަނާގެ އެކޮއްކޮއިން ތިއްބެވެ.

السّيّدة زينب بنت خزيمةގެ ޢާއިލާ ކަމުގައިވާ ހިލާލުވަންހައިގެ މީހުން، ދިމާވި ސަބަބުތަކަކާހުރެ ޔަމަނުކަރަ ދޫކޮށްލައި ޙިޖާޒަށް ހިޖްރަކޮށް، ޙިޖާޒުކަރައިގައި ވަޒަންވެރިވިއެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمނަބީކަން އިޢުލާން ކުރެއްވުމުގެ ތޭރައަހަރު ކުރިން،خزيمة بن الحارث الهلالىމައްކާގައި ދިރިއުޅުއްވި ގޭގައި، އޭނާގެ އަނބިކަނބަލުންهند بنت عوفހަނދެއްފަދަ އަންހެންބޭފުޅަކު ރައްކާވިއެވެ. އެކަމަނާގެ ޙަޔާތްޕުޅުގެ މަރްޙަލާތައް ކަޑައްތުކުރައްވަމުން ވަޑައިގެން، ފިރިފުރާވަރަށް އަރައިވަޑައިގެންނެވިއިރު، އެކަމަނާގެ ބުރުސޫރަފުޅާއި، ސީރަތުގެ ފުރިހަމަކަމުގެ މީރުވަސް ވަނީ މައްކާގެ ޖައްވު ހުވަނދުކޮށްފައެވެ. މައްކާގައި ހެޔޮލަފާ ޅީދަރިކަނބަލަކު ހޯދަން ބޭނުންވެފައިތިބި ޢާއިލާތަކާ ހަމަޔަށް އެމީރުވަސް ފޯރައިފައެވެ. ދުނިޔެމަތީން ހޫރެއްފަދަ އަނބިކަނބަލަކު ހޯދަމުން ގެންދިޔަ ލޯތައްވެސް ވަނީ އެކަމަނާގެ މައްޗަށް ހުއްޓިފައެވެ. އެހެންކަމުން، ތަފާތު އެކިއެކި ޢާއިލާތަކުން އެކަމަނާގެ ކާވެނިފުޅަށްއެދި ހުށަހަޅަމުން ގެންދިޔައެވެ.

(ނުނިމޭ)