އިނގިރޭސި ވިލާތުގެ މަޝްހޫރު ދުވަހު ނޫސް "ދަ އިންޑިޕެންޑެންޓް"އާއި، ހަފްތާ ބަންދަށް ޚާއްސަކޮށް އެ ނޫހުން ނެރޭ" ދަ އިންޑިޕެންޑެންޓް އޮން ސަންޑޭ" ނޫސް ޗާޕު ކުރުން މުޅިން ހުއްޓާލުމަށް އެ ނޫހުން ނިންމައިފި އެވެ.

އިންޑިޕެންޑެންޓްގެ އެއް ވެރިޔާ ޔެވްގެނީ ލެބެޑޭވް ބުނީ، އިންޑިޕެންޑެންޓްގެ ބްރޭންޑް ނޭމް، "ޖޯންސްޓަން ޕްރެސް" ކުންފުންޏަށް ވިއްކާލަން ނިންމާފައިވާ ކަމަށެވެ. ސަބަބަކީ، ދުވާލަކު އެތައް ހާސް ނޫހެއް ޗާޕު ކުރުމުގެ ހަރަދު، ނޫސް ވިއްކައިގެން ލިބޭ އާމްދަނީ އިން ނުބެލެހެއްޓޭތީ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ނޫސް ޗާޕު ކުރުން ހުއްޓާލައި، ނޫހަކީ މުޅިން އޮންލައިންކޮށް ހިންގާ ނޫހަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ލެބެޑޭވް ބުންޏެވެ. ދަ އިންޑިޕެންޑެންޓް ނޫހުގައި 150 އަށް ވުރެ ގިނަ ފުލްޓައިމް މުވައްޒަފުން މަސައްކަތް ކުރާ އިރު، މީގެ ތެރެއިން ބައެއް ލިޔުންތެރިންގެ ވަޒީފާ ގެއްލޭނެ ނަމަވެސް، ގެއްލޭނީ ކިތައް މުވައްޒަފުންގެ ވަޒީފާކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އިންޑިޕެންޑެންޓް ނޫހުގެ ވެބްސައިޓު، އެ ނޫހުގެ އާ ވެރިން ހަރުދަނާ ކުރަން ބޭނުން ވާތީ، ވެބްސައިޓަށް ހާއްސަކޮށްގެން 34 އާ މުވައްޒަފުން ހޯދުމަށް ވަނީ އިއުލާނު ވެސް ކޮށްފަ އެވެ.

އިންޑިޕެންޑެންޓް ނޫހުގެ އެންމެ ފަހު އަދަދު ކުރިޔަށް އޮތް މާޗު މަހު ޗާޕު ކުރެވޭނެ ކަމަށް ބެލެވޭ އިރު، އެ ނޫހުގެ އެޑިޓަރުގެ މަގާމުގައި ހުންނެވި އަމޯލް ރާޖަންއަށް އިންޑިޕެންޑެންޓް ޑޮޓް ކޯ ޑޮޓް ޔޫކޭ ވެބްސައިޓުގެ އެޑިޓަރު އެޓް ލާޖުގެ މަގާމު ދިނުމަށް، އިންޑިޕެންޑެންޓްގެ އާ މެނޭޖުމެންޓުން ވަނީ ނިންމައިފަ އެވެ.

ދަ އިންޑިޕެންޑެންޓް ނޫހަކީ އިނގިރޭސި ވިލާތުގައި 1986 ވަނަ އަހަރުން ފެށިގެން ނެރޭ ދުވަހު ނޫހެކެވެ.