އަހަރުމެންގެ ވަށައިގެންވާ މާހައުލުގައި ބެކްޓީރިއާ ދިރިއުޅޭ ފަދައިން އަހަރުމެންގެ ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ވެސް ބެކްޓީރިއާ ދިރިއުޅެ އެވެ. އެގޮތުން އަހަރުމެންގެ ބަނޑަކީ، އެފަދަ އެއް ގުނަވަނެވެ.

ބަނޑުތެރޭގައި ބެކްޓީރިއާ ދިރިއުޅުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އެ ހުންނަން ޖެހޭ މިންގަނޑުގައި ހުރެއްޖެ ނަމަ އެވެ. އެ މިންގަނޑުން ކަޓައިފި ނަމަ އެއީ މައްސަލައެކެވެ. އަދި އެކަމުގެ އަސަރު މުޅި ހަށިގަނޑަށް ކުރުމަކީ ދާދި ގާތުގައިވާ ކަމެކެވެ.

އެހެންކަމުން، ބަނޑުތެރެ ސާފު ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. ބަނޑަކީ ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ފަދައިން ސައިބޯނި ލައިގެން ސާފު ކުރެވޭނެ އެއްޗަކަށް ނުވާތީ، ބަނޑުތެރެ ސާފުކުރާނެ ގޮތްތަކެއް ހޯދައި ބަލަން ޖެހެ އެވެ.

ހާސްވެ ކަންބޮޑު ނުވާށެވެ. ބަނޑު ސާފު ކުރުމަކީ ތިޔަ ހީކުރާ ވަރުގެ އުނދަގޫ ކަމެއް ނޫނެވެ. އެއީ ތާޒާ މޭވާ އާއި ތަރުކާރީގެ ތާފަތު ބާވަތްތައް ބޭނުންކޮށްގެން ކުރެވިދާނެ ކަމެކެވެ.

އޮރެންޖު:

އޮރެންޖު ކެއުމުން ހަށިގަނޑަށް ފިނިކަން ގެނެސްދިއުނުމާ އެކު، ބަނޑުތެރެ ވެސް ސާފު ކޮށްދެ އެވެ. ހަމައެއާ އެކު، އެ މޭވާ ކެއުމުން ކާނާ ހަޖަމު ކުރުމަށް ފަސޭހަވެ އެވެ. އަދި ވިޓަމިންސީ އިން މުއްސަނދިވެފައިވާ އެ މޭވާ ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދެ އެވެ.

ލޮނުމެދު:

ރަހަ ހެޔޮވަރު ކުރުމަށް ބޭނުން ކުރާ ލޮނުމެދަކީ ވެސް ބަނޑުތެރެ އާއި ގޮހޮރު ސާފު ކުރުމަށް އެހީތެރިވެެދޭ ތަރުކާރީ އެކެވެ. ހަމައެއާ އެކު ލޮނުމެދަކީ، ބެކްޓީރިއާތަކާއި ފަންގަސް އަދި ތަފާތު ވައްތަރުތަކުގެ ވައިރަސްތަކުން ވެސް ހަށިގަނޑު ރައްކާތެރި ކުރުމަށް އެހީތެރިވެދޭ ތަރުކާރީ އެކެވެ.

ކާށި

ކާށި ނުވަތަ ކާށި ކިރަކީ، ކެއްކުމަށާއި ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކުރުމަށް ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން ކާށީގައި އުފައްދާ ކާށި ތެލަކީ، ބަނޑުތެރެ ސާފު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކާށި ތެލުގައި، އެންޓި ފަންގަލް ޕްރޮޕަޓީސް އެކުލެވޭ މާއްދާތައް ވެސް ހިމެނެ އެވެ.

ސްޓްރޯބެރީސް:

އޮރެންޖެކޭ އެއްފަދައިން ސްޓްރޯބެރީސްއަކީ ވެސް ބަނޑަށާއި ހަޖަމު ކުރުމުގެ ނިޒާމު ދުޅަހެޔޮ ކުރުމަށް އެހީތެރިވެދޭ މޭވާ އެކެވެ. ހަމައެހެންމެ، އެއީ އެންމެ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވޭ މާވާ ކަމަށްވެސް ބުނެވެ އެވެ.

އެހެންކަމުން ބަނޑުތެރޭގައި ހުންނަ ޖާމްސްތަކާއި ވައިރަސްތަކާ ހަނގުރާމަ ކުރުމުގެ ގާބިލުކަން ސްޓްރޯބެރީ އަށް ލިބިގެންވެ އެވެ. އެހެންކަމުން ހަށިގަނޑު ސާފުކޮށް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ސްޓްރޯބެރީ ބޭނުން ކުރާށެވެ.