އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އިން 2-1ގެ ނަތީޖާއަކުން ތާވަލުގެ އެއްވަނާގައި އޮތް ލެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި ދެ ޕޮއިންޓާ ކައިރިއަށް ޖެހިލާފި އެވެ.

އެ ބައްޔާ އެކު އަދި ވެސް އެއްވަނާގައި ލެސްޓާ އޮތް އިރު އެ ޓީމަށް ލިބެނީ 53 ޕޮއިންޓެވެ. ދެވަނާގައި ޓޮޓެންހަމް 51 ޕޮއިންޓާ އެކު އޮތް އިރު ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން އާސެނަލް ތިން ވަނާގައި އޮތީ ގޯލުގެ ތަފާތުންނެވެ. މެންޗަސްޓާ ސިޓީ އޮތީ 47 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ އިރު އެ މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑް ނެގީ ލެސްޓާއިންނެވެ. އެ ގޯލު ލެސްޓާއަށް ކާމިޔާބް ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖޭމީ ވާޑީ އެވެ. އެއީ މި ސީޒަނުގައި އޭނާ ކާމިޔާބު ކުރި ހަވަނަ ޕެނަލްޓީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ލީޑުގައި އޮވެ ފދެވަނަ ހާފްފެށި ލެސްޓާއަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހުނީ 54 ވަނަ މިނެޓްގައި ޑެނީ ސިމްޕްސަންއަށް ދެވަނަ ރީނދޫ ކާޑާއެކީ ރަތްކާޑު ދެއްކި ހިސާބުންނެވެ.

އެގޮތުން އާސެނަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު 71 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ތިއޯ ވޮލްކޮޓް ކާމިޔާބުކުރީ އޮލިވަ ޖިރޫޑް ތަނވަސްކޮށްދިން ފުރުސަތަކުންނެވެ.

އެ މެޗުން އާސެނަލްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ އެންމެ ފަހުވަގުތު ކޮޅުގައި ކާމިޔާބުކޮށްދިނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައި ޑެނީ ވެލްބެކް އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގައި އާސެނަލްގެ ވޮލްކޮޓްގެ ގޯލަށް ފަހު އެޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އެ މޮޅާއި އެކު ލީގް ކާމިޔާބު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިގައްޖެ ކަމަށެވެ.

"އަހަރެމެންނަށް މި ލިބުނީ ވަރަށް މުހިންމު މޮޅެއް. ލެސްޓާއިން ލީޑް އިތުރަށް ފޫޅާކުރިޔަނުދީ ހިފެހެއްޓުމުން ލީގައި މެދު އުންމީދު އާ ވެއްޖި. މިއީ ރަނގަޅު ބަދަލަކަށް ވެގެންދާނެ،" ވެންގާ ބުންޏެވެ.