މިހާރު ހުރި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން އިތުރު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް ބަހައްޓާ ގޮތަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން "ސަން" އަށް މިއަދު ވިދާޅުވީ، އިތުރު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ ބާރުވެސް ގާނޫނުން ލިބިދީފައި ވާނީ ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޖީގެ ގާނޫނު އެގޮތަށް ބަދަލު ކުރުމުން ދައުވާ އުފުލުމަށް އެއްވެސް ދަތި ކަމެއް ނާންނާނެ ކަމަށެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން: ފޮޓޯ/ މަޖިލިސް

"މިސާލަކަށް ޕްރޮސިކިއުޓާ ޖެނެރަލަކު ނެތް ހާލަތެއްގައި އެ ދެ ބޭފުޅުން {ޑެޕިއުޓީ ޕީޖީ ކަމަށް ހުންނަވާ ދެ ބޭފުޅުން} ނަށް އެއްވެސް ހުރަހެއް ނޯންނާނެ ދައުވާ އުފުލުމަކަށް. އެގޮތަށް ގާނޫނު މި ބަދަލުކުރަނީ،" އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ގާނޫނު އެގޮތަށް ބަދަލު ކުރުމުގެ ސަބަބުން ޕީޖީ އޮފީހުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ޕީޖީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސައުދު ހުށަހަޅުއްވާފައިވާ ބިލު ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާނެ އެވެ.

ޑެޕިއުޓީ ޕީޖީއަކީ ޕީޖީ ނެތް ހާލަތްތަކުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ބޭފުޅެކެވެ.