14 Feb 2016, 21:08
ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަންދެން ގޭގައި މަޑުކުރަން ސިޓީއަކުން އެންގި ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ މިއަދު ސަން އަށް ވިދާޅުވީ، ޗުއްޓީ ހަމަވުމާއެކު މިއަދު އެމަނިކުފާނު އޮފީހަށް ނުކުންނަށް ފައްޓަވާފައިވާ ކަމަށާއި، ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަންދެން އެމަނިކުފާނު ގޭގައި މަޑުކުރަން ކްރިމިނަލް ކޯޓަށް ސުޕްރީމް ކޯޓުން ސިޓީއެއް ފޮނުވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިކަމާ ބެހޭ މައުލޫމާތު ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ގުޅުމުން އެ ޑިޕާޓުމަންޓުން ބުނީ، ސުޕްރީމް ކޯޓުން އެ ޑިޕާޓްމަންޓަށް އެފަދަ ކަމެއް އަންގާފައި ނުވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވަނީ ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި އެ ސިޓީގެ ނަންބަރާއެކު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި މަހުލޫފް ވިދާޅުވީ ސުޕްރީމް ކޯޓުން އުޅެނީ އަބްދުﷲ ގާޒީ ގޭގައި މަޑުކުރަން އެންގިކަން ސިއްރު ކުރަން ކަމަށެވެ.
SC ge 197-AI/145/2016 /17 sitee in Abdulla Ghazee geyagi madukuran angaifi.SC in ulheny mikan sirru kohgen. JSC uvaalanveenoontho ?
— Ahmed Mahloof (@AhmedMahloof)February 14, 2016
އަބްދުﷲ ގާޒީ ފެމެލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.