ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނިހާން އިތުރު 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކުރީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހައިކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ނިހާން ހައްޔަރުކުރީ، މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާމިގިލީ ކޯޓު ހުޅުވައި، ރައީސް ޔާމީން ހައްޔަރުކުރަން ސައްޚަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައެއްގައެވެ. މީގެ ކުރިން ހައިކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދީފަ އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް ހައިކޯޓުން ވަނީ މުހުތާޒު ވެސް 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ސައްހަނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ތުހުމަތު ކުރެވެއެވެ.

އެގޮތުން ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމާއި އެހެންކަމުން އެކޯޓު އަމުރާ އެއްގޮތަށް ރައީސް ޔާމީން ހައްޔަރުކުރުމަށް ބާރު އަޅުއްވައި ރައީސް ނަޝީދު ސިފައިންގެ އިސް އޮފިސަރަކަށް ގުޅުއްވާފައިވާ ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ގުޅުއްވައި އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ރައީސް ނަޝީދު ވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.