14 Feb 2016, 22:31
ދެމަފިރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް "މެރިޖް ކައުންސެލިން"ގެ ހިދުމަތް ފެށުމަށް ނިންމައިފިއެވެ.
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ގްލޯބަލް އެކްޓިވިސްޓް މޫވްމަންޓް "ވީޑޭ"އިން ކޮންމެ އަހަރެއްގެ ފެބްރުއަރީ 14 ވަނަ ދުވަހު ކުރިއަށް ގެންދާ ވަން ބިލިއަން ރައިޒިންގ ކެމްޕޭނާ ގުޅުވައިގެން ދެއްވި ހިޠާބެއްގައި، ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވީ، ކައިވެނީގެ ތެރޭގައި ދެމަފިރިންނާއި އާއިލާއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ހޯދައިދިނުމަށްޓަކައި މިއަހަރު ތެރޭގައި މެރިޖް ކައުންސެލިންގެ ހިދުމަތް ދޭން ފެށިގެންދާނެ ކަމަށެވެ.
ވަރީގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ޒުވާނުން ކައިވެންޏަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމްތައް ކުރިއަށް ގެންދަމުންދާ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.
މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަމަށްވާ "އަންހެނުންނަށް ކުރާ އަނިޔާ އަދި ގޯނާއަށް ފުރުސަތު ނުދޭނަން." ވައުދު ފުރިހަމަކުރުމަށްޓަކައި ކަމާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމާއި ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކާއި އަންހެނުންގެ ހައްގުގައި ވަކާލާތުކުރާނެ ފިރިހެނުން އިތުރުކުރުމަށް ތަފާތު ޕްރޮގުރާމްތައް މިއަހަރަށް ރޭވިފައިވާ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާއި އެކިއެކި ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކުން ރާއްޖެއަށް ކުރިއެރުން ލިބިފައިވާ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.