14 Feb 2016, 19:58
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ގެންދަވަނީ ބަރާބަރަށް މާލީ ބަޔާންތައް ހުށަހަޅުއްވައި ޓެކްސް ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަކިވަކިން 2011 ވަނަ އަހަރުން ފެށިގެން ގަވައިދުން ޓެކްސް ދައްކަވައި މާލީ ބަޔާން ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ.
"އަދި މިހާރުވެސް ހުށަހަޅުއްވާ މާލީ ބަޔާންނަށް ރިޔާއަތްކުރަށްވައި ގެންދަވަނީ ބަރާބަރަށް ދައުލަތައް ޓެކްސް ދައްކަވަމުން،" މުއާޒު ވިދާޅުވިއެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލީ ބަޔާން ހުށަހަޅުއްވާތޯ ބެލުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވަނީ އޮޑިޓާ ޖެނެރަލު ހަސަން ޒިޔަތަށް އެކަން ހުށަހަޅުއްވާފައެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.