14 Feb 2016, 14:47
ދެ ފަހަރުގެ މަތީން އިއުލާނު ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަށް މެލޭޝިއާގެ ދެ ކުންފުންޏަކާ ހަވާލު ކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ޑަބްލިއު ޒެޑް އާރް ގުރޫޕް ކޮމްނީޒް" އާ ފަނެލް އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑް" އަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ކުންފުނިން ބިޑް ހުށަހަޅާފައި ވަނީ ދެ ކުންފުނި ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ 25 ވަނަ ބުރީގެ އިމާރާތް ހެދުމަށް ދެން ބިޑް ހުށަހަޅާފައި ވަނީ ލަންކާގެ ދެ ކުންފުންޏެއް ގުޅިގެން ކަމަށެވެ. އެގޮތުން އެ ދެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 145 މިލިއަން ޑޮލަރު ކަމަށް ވެސް އޮފިޝަލް ބުންޏެވެ.
"މިދިޔަ މަސް ތެރޭގައި ފިނޭންސުން ވަނީ އެ މަސައްކަތާ ގުޅޭ މައުލޫމާތު އިކޮނޮމިކް ޔޫތު ކައުންސިލާ ހިއްސާކޮށްފައި. އެ ކައުންސިލުން ނިންމީ މެލޭޝިއާގެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރާ މަސައްކަތެއް ނޫނެވެ. އެ މަސައްކަތް ކުރާ ކުންފުންޏަށް ސަރުކާރުން ފައިސާ ދައްކަން ހަމަޖެހިފައި ވަނީ 20 އަހަރަށް ބަހާލައިގެން ނެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން ސަން އަށް ވިދާޅުވީ 25 ބުރީގެ އިމާރާތް އަޅަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުންނަ އިމާރާތުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި ހުރި ދެ އިމާރާތް ތަޅާލުމަށް ފަހު ކަމަށެވެ. އެ އިމާރާތް އަޅާ ބިމަކީ 32،000 އަކަފޫޓުގެ ބިމެކެވެ.