14 Feb 2016, 14:36
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެންގެވި ފައިސާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ޢަލީ ވަޙީދު ތުހުމަތު ކުރައްވާފައިވާ ފައިސާއަކީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މެލޭޝިއާގައި ބޭތިއްބި މަންދޫބުންތަކަކަށް މުސާރައިގެ ގޮތުގައި ފޮނުވި ފައިސާތަކެއް ކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިން ޑައިރެކްޓަރު ޢަބުދުﷲ މައުމޫނު ( މާނު) ވިދާޅުވެއްޖެ އެވެ.
ޢަލީ ވަހީދު ތުހުމަތު ކުރައްވާފައި ވަނީ މޯލްޑިވްސް ގޭސްގެ އެމްޑީ ލައްވައި ރައީސްގެ އަނބިކަނބަލުން ފައިސާ ނަންގަވާ ކަމަށެވެ. ސަން އަށް މިއަދު ދެއްވި އިންޓަވިއުއްގައި މާން ވިދާޅުވީ ފައިސާ ފޮނުވީ މެލޭޝިއާ އަށް ކަމަށާއި އެއީ އަލީ ވަހީދު އެ ވިދާޅުވާ ވަރުގެ އަދަދެއް ވެސް ނޫން ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ހަބަކަށް އޭރުވީ ކުއާލަލަމްޕޫރު. ދެން ކޭއެލްގައި މަންދޫބުން ބައިތިއްބަވަން ނިންމެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ވީޕީ، އަދީބު. އެ މަންދޫބުންނަށް ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ރަސްމީކޮށް މުސާރަ ހަމަ ނުޖެހޭތީ، އެކަން ހަމަޖެހެންދެން އެމީހުންގެ މުސާރަ ފޮނުވަން އަޅުގަނޑާ ހަވާލުކުރައްވަމުން ގެންދެވީ. ބައެއް ފަހަރު ޑޮލަރު، ބައެއް ފަހަރު ދިވެހި ފައިސާ ދެއްވާފައި ވިދާޅުވާނެ ޑޮލަރު ހޯދައިދޭށޭ،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފައިސާ އާއި މެޑަމް ފާތުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަމަނާއަށް އެކަން އެނގިވަޑައި ވެސް ނުގަންނަވާނެ ކަމަށެވެ.
"މެޑަމްއަށް އެނގިވަޑައި ވެސް ނުގަންނަވާނެ އެކަންތައް. އެއީ ސީދާ ހަގީގަތާ ހިލާފު ވާހައެއް،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފައިސާއަކީ އަދީބު އަންގަވައިގެން މެލޭޝިއާގައި ތިއްބެވި މަންދޫބުންނަށް ފޮނުވި ފައިސާކަން އެނގޭނެ ލިޔެކިއުންތައް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މީހުންނަށް މުސާރައިގެ ގޮތުގައި ދިން ފައިސާ ކަމަށް ވާތީ އަދަދުތައް ފަދަ ތަފުސީލު ހާމައެއް ނުކުރެއްވޭނެ ކަމަށެވެ.
"ދެން އަޅުގަނޑު ބަލާނަން، ގާނޫނީ ގޮތުން އެކަން އޮތް ގޮތެއް، އެހެން ބެލުމަށް ފަހު ހާމަ ކުރެވެން ހުރި ޑޮކިއުމެންޓްތައް ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.