ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ސަރުކާރާ އެކު އޮންނަ ހުރިހާ ޑިޕްލޮމެޓިކް ގުޅުން ތަކެއް ދިވެހި ސަރުކާރުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިއަދު މިއެޅުއްވި ފިޔަވަޅަކީ މި މަހުގެ ތިން ވަނަ ދުވަހު ދިވެހި ސަރުކާރުން ލީބިޔާގެ އިދިކޮޅު ޓްރާންސިޝަނަލް ނެޝަނަލް ކައުންސިލް ބަލައިގަތުމަށް ނިންމި ނިންމުމާ ގުޅިގެން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ދިވެހި ރާއްޖެއަކީ މިގޮތަށް ގައްޒާފީގެ ސަރުކާރާ އޮންނަ ގުޅުންތައް ސަސްޕެންޑް ކުރި ތިން ވަނަ ގައުމެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައ ވަނީ ވެހި ދިވެހި ސަރުކާރުން ގައްޒާފީގެ ސަރުކާރާ އޮންނަ ޑިޕްލޮމެޓިކް ހުރިހާ ގުޅުމެއް ސަސްޕެންޑް ކުރީ ގައްޒާފީގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަތުން ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ލީބިޔާގައި މިހާރު އިންސާނީ ހައްގުތަކުގެ ހާލަތުގެ އޮތް ގޮތުގެ ސަބަބުން ގައްޒާފީގެ ސަރުކާރުން އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހިންގަމުންދާ ކަމުގެ ހެކިތައް އިތުރަށް ފެންނަމުންދާތީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ލީބިޔާ ސަރުކާރާ އޮން ހރިހާ ޑިޕްލޮމެޓިކް ގުޅުން ތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށްފަ. އެކަމާ ބެހޭ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން " ފޮރިން މިނިސްޓްރީގެ ޑައިރެކްޓަރު އޮފް ކޮމިއުނިކޭޝަން އިރުޝާދާ އަބުދުއް ސައްތާރު މިއަދު ވިދާޅުވި އެވެ.

ލީބިޔާ ސަރުކާރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ސަސްޕެންޑް ކުރި އިރު އެގައުމުގައި އެއްވެސް ދިވެއްސަކު މިވަގުތު ހުރި ކަން އެނގިފައި ނުވާކަމަށް ހާރިޖިއްޔާއިން ބުނެ އެވެ.

އިރުޝާދާ ވިދާޅުވީ ލީބިޔާއާއި ގުޅުން ހުރި ތަނަކަށް ރާއްޖޭގައި ހުރީ ވޯލްޑް ކޯ އިސްލާމިކް ސޮސައިޓީ ކަމަށާއި އެތަނުގައި ވެސް ލީބިޔާ ސަރުކާރުން ފޮނުވާފައި ހުންނަވާ އިސް ބޭފުޅަކު ނުހުންނަވާ ކަމަށެވެ.