25 Apr 2010, 16:57
14:30
ސްރީލަންކާގެ ކެބިނެޓަށް ފަސް ބޭފުޅަކު އިތުރުކުރެއްވުމަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ ނިންމަވައިފި އެވެ.
ނަން ހާމަކުރުމަށް ނޭދޭ ފަރާތަކުން މީޑިއާއަށް މައުލޫމާތުދީފައި ވަނީ ފަސް މިނިސްޓަރުންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރަކު ވެސް ކެބިނެޓަށް އިތުރުކުރެއްވުމަށް ރާޖަޕަކްސަ ނިންމަވާފައިވާ ކަމަށެވެ. އަދި މީގެ ތެރޭން ތިން މިނިސްޓަރުން އައްޔަންކުރައްވާނީ ގައުމުގެ މެދު ޕްރޮވިންސްގެ ސަހަރެއް ކަމަށްވާ ކެންޑީ އިން ކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ.
ކެބިނެޓަށް ފަސް މިނިސްޓަރަކު އިތުރުކުރެއްވުމަށް ނިންމަވާފައިވީ ނަމަވެސް މިއީ އާންމުކޮށް ސްރީލަންކާގެ ކެބިނެޓްގައި މިނިސްޓަރުން ތިބޭ އަދަދަށް ވުރެ އެތައް ގުނަ މަދު އަދަދެކެވެ. އެގައުމުގެ ކެބިނެޓްގައި އާންމުކޮށް ތިއްބަވާ 109 ބޭފުޅުންގެ ތެރޭން ގިނަ ބޭފުޅުން އުނިކުރައްވާފައި މިވަނީ އެބޭފުޅުންގެ ކިބައިން މާބޮޑު ބޭނުމެއް ނުހިފޭތީ ކަމަށް ރާޖަޕަކްސަ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އަލަށް އިއުލާން ކުރައްވާފައިވާ ކެބިނެޓްގައި ރާޖަޕަކްސަ އާ ގާތްތިމާގެ ބޭފުޅުން ގިނަ އަދަދަކަށް ހިމެނިފައިވެ އެވެ. އަދި އޭގެ ތެރޭން ރާޖަޕަކްސަ އާ އެއްބަނޑު އެއްބަފާ ތިން ބޭފުޅަކަށް ތަފާތު ތިން މިނިސްޓްރީއެއް ހަވާލުކުރައްވާފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ.