14 Feb 2016, 14:58
ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން ވަނީ ސާފު ފެނަށް ޖެހިފައި ކަމަށް ނެދަލެންޑުގެ ޔުނިވާސިޓީއަކުން ހެދި އާދިރާސާއަކުން ދައްކައިފި އެވެ.
ސައިންސް އެޑްވާންސެސް ކިޔާ ޖާނަލްއެއްގައި ޝާއިއު ކުރި އާޓިކަލްގައިވާ ގޮތުން ދުނިޔޭގެ ހަތަރު ބިލިއަނަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކު މަދުވެގެން އެއްމަސްވަންދެން ދިރިއުޅެނީ ފެނަށް ޖެހިފައިވާ ހާލުގަ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ އިންޑިއާއާއި ޗައިނާގައި ކަމަށް އާޓިކަލްގައިވެ އެވެ.
އަދި، ދުނިޔޭގެ 500 މިލިއަނެއްހާ މީހުން ދިރިއުޅެމުން ދަނީ ވާރޭ ފެން ލިބޭ މިންވަރަށް ވުރެ ދެގުނަ އިތުރަށް ފެން ބޭނުންކުރާ ސަރަހައްދުތަކުގައި ކަމަށް ވުމުން އެސަރަހައްދުތަކުން ބިމުން ނަގާ ސާފުފެން ހުސްވުމުގެ ބިރު އޮތް ކަމަށް ދިރާސާ އިން ދެއްކި އެވެ.
ދިރާސާގައި ބައިވެރިވި ދެސައިންސުވެރިން ބުނި ގޮތުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި އެއްގަމު މަސް އުފެއްދުމަށް ބޭނުން ކުރާ ފެނުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
"އެއްކިލޯގެ ގެރިމަސް އުފައްދަން 15،000 ލީޓަރުގެ ފެން ބޭނުންވޭ. ގާތްގަނޑަކަށް އެހުރިހާ ފެން ބޭނުން ކުރަނީ ގެރިއަށް ކާންދޭ ވިނަ އިންދަން،" ޕްރޮފެސާ އާޖެން ހޫކްސްޓްރާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޕާކިސްތާނު، އީރާން، މެކްސިކޯ އަދި ސައުދީ އަރަބިއާ ފަދަ ގައުމުތަކުގެ ސާފު ފެން ފަށަލަ ދަނީ ވަރަށް ބާރު ސްޕީޑެއްގައި ހުސްވަމުންކަމަށާއި، ޔަމަނުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ފެން ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަން ދިރާސާ އިން ދެއްކި ކަމަށް ޕްރޮފެސާ ހޫކްސްޓްރާ ވިދާޅުވި އެވެ.
ފެނަށް ޖެހުމުގެ ސަބަބުން އިންސާނުންނަށާއި ދުނިޔޭގެ އެހެން ދިރުންތަކަށް ކުރާނެ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ގޮތުން، ފެން ބޭނުން ކުރުމުގައި ފަރުވާތެރިވުމަށާއި، ފެނަށް ޖެހިފައިވާ ގައުމުތަކަށް އެހެން ގައުމުތަކުން އެހީވުމަށް ދިރާސާގެ ބައިވެރިން އިލްތިމާސް ކުރި އެވެ. (ޕްރެސްޓީވީ)