14 Feb 2016, 13:19
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ނާޒިމްގެ ފަރާތުން ކަރެކްޝަނަކް ސާވިސްގައި އެދިފައި ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހު އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ހަސަން އަލީ "ސަން" އަށް މިއަދު ވިދާޅުވީ ނާޒިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ މާޗު މަހުގެ ނިޔަލަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް މިދިޔަ މަހުގެ 27ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.
ނާޒިމް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތީ މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށްފަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.