14 Feb 2016, 14:32
އިނގިރޭސި ވިލާތުގެ ޕާލަމެންޓުގައި ގާއިމު ކުރެވިފައިވާ ބްރިޓިޝް-މޯލްޑިވްސް އޯލް-ޕާޓީ ޕާލަމެންޓްރީ ގްރޫޕު (އޭޕީޕީޖީ)ގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ބްރިޓިޝް-މޯލްޑިވްސް އޯލް-ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ތިން މެމްބަރުންގެ ވަފުދަށް އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އިބްރާހިމް ޝަހީބު އެވެ.
އެ ވަފުދުގައި އޭޕީޕީޖީގެ ޗެއާ މރ. ޑޭވިޑް އެމެސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަންނަ ހަފްތާ ބަންދުގެ ނިޔަލަށް އެ ވަފުދުން ރާއްޖޭގައި މަޑު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. ފޮރިން މިނިސްޓްރީން ބުނީ ވަފުދުގެ ދަތުރުގައި ރައީސް އަބްދުﷲ ޔާމީން އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހި ސަރުކާރުގެ މިނިސްޓަރުންނާއި އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖެއާ ޔޫކޭ އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު ވެސް މަޝްވަރާ ކުރެވިގެންދާނެ އެވެ.