ގދ. ތިނަދޫގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ން ފަށައިފި އެވެ.

ތިނަދޫގައި މަގުތަކުގައި ތާރު އެޅުމުގެ ގޮތުން އެންމެ ފުރަތަމަ ތާރު އަޅާފައި ވަނީ އެ ރަށު ބޮޑު މަގުގަ އެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަސްއަދު މިއަދު "ސަން" އަށް ވިދާޅުވީ މީގެ ދެތިން ދުވަސް ކުރިން ތިނަދޫ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީން ކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތިނަދޫ ބޮޑު މަގުގެ 200 މީޓަރުގެ އޭރިއާއެއްގައި ތާރު އަޅާފައިވާ ކަމަށެވެ.

"މީގެކުރިން ދެން މިދިޔައީ ތާރު އެޅުމުގެ ގޮތުން މަގުތައް ލެވަލް ކުރުމުގެ މަސައްކަތް. ސީދާ ތާރު އެޅުމުގެ މަސައްކަތް ފެށިތާ އަދި މިވީ ދެތިން ދުވަސް،" އޭނާ ވިދާޅުވި އެވެ.

ތިނަދޫ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި: ސަން ފޮޓޯ/ ކިޔުންތެރިއެއް

އަސްއަދު ވިދާޅުވީ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިން ނިންމަން ހަމަޖެހިފައި އޮތީ މި އަހަރު ސުކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ކަމަށެވެ. ނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހެދި މަސައްކަތް ލަސްވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން [ތިނަދޫ ރައްޔިތުން] ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރަށުގެ މަގުތަކުގައި ތާރު އެޅިގެން ދިއުން. ދެން އަސްލު މަސައްކަތް ނިންމަން ކުރިން ބުނެފައި އޮތް ދުވަސް މިހާރު ވަނީ ފަހަނަ އަޅާ ގޮސްފައި." އަސްއަދު ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމަން އެމްއާރްޑީސީން މިހާރު ކަނޑައަޅާފައިވާ ތާރީހަކީ މިހަރުގެ ޖޫން 30 ކަމަށެވެ.