14 Feb 2016, 11:51
ބާލިން (ފެބްރުއަރީ 14): ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ހީނަރުވުމުގެ ސަބަބުން ދުނިޔޭގައި އަނެއްކާ ވެސް "ފިނި ހަނގުރާމައެއް" ފެށިފައިވާ ކަމަށް ރަޝިއާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑީވް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި އޮތް ސެކިއުރިޓީ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މެޑްވެޑީވް ވިދާޅުވީ ހުޅަނގުގެ ގައުމުތަކުންދޭ އެއްބާރުލުން ކުޑަވުމުގެ ސަބަބުން އެސަރަހައްދު ވަނީ "މީގެ 40 އަހަރު ކުރިން ޔޫރަޕްގައި ފާރެއް ހުރި އިރު އޮތް ގޮތަށްވެފައި" ކަމަށެވެ.
"އަޅުގަނޑުމެންނަށް ބުނެވިދާނެ އަނެއްކާ ވެސް ފިނި ހަނގުރާމައެއް ފެށިއްޖެއޭ. ރަޝިއާއަކީ ނޭޓޯގެ ހުރިހާ ގައުމުތަކަށް ނުވަތަ ޔޫރަޕަށް ނުވަތަ އެމެރިކާ އަށް ހުރި ނުރައްކަލެއް ކަމަށް ގާތްގަނޑަކަށް ކޮންމެ ދުވަހަކު އެބަ ތުހުމަތު ކުރޭ. އަޅުގަނޑު ހިތަށް އަރާ މިއީ 2016ބާއޭ ނުވަތަ 1962ބާއޭ؟،" މެޑްވެޑީވް ވިދާޅުވި އެވެ.
ރަޝިއާގެ ބޮޑު ވަޒީރު އެފަދައިން ބުނެފައި ވަނީ ސީރިޔާގައި ރަޝިއާއިންދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނިކޮށެވެ. އެމެރިކާ އާއި އެހެނިހެން ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިއާ އިން ދަނީ ސީރިޔާގެ ރައީސް، ބައްޝާރުލް އަސަދުގެ ސިފައިންނަށް ވާގިވެރިވެ، އެގައުމުގެ އާއްމުންނަށް ހަމަލާދެމުންނެވެ. ނަމަވެސް، ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ބުނާ ގޮތުގައި އެގައުމުން ވައިގެ ހަމަލާތައް ދެނީ އައިއެސްގެ ހަނގުރާމަވެރިންނަށެވެ.
"ހުރިހާ ގައުމުތަކުން އެފަދަ ތުހުމަތުތައް ކުރިނަމަވެސް ރަޝިއާ އިން އާއްމުންނަށް ހަމަލާދޭކަމުގެ އެއްވެސް ހެއްކެއް ނެތް،" މެޑްވެޑީވް ވިދާޅުވި އެވެ.
ރަޝިއާ އިން ބުނާ ގޮތުގައި އެގައުމުން ވައިގެ ހަމަލާތައް ދެނީ ސީރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށެވެ. (ގާޑިއަން)