ރޭ ލ. މާމެންދޫގައި ބަޔަކުން ކަނޑި އާއި ކަތިވަޅުން ދިން ހަމަލާގައި ފުން ޒަހަމްތަކަށް ލިބުނު ގދ. ނަޑެއްލާގެ ޒުވާނާ، އުމުރުން 23 އަހަރުގެ އަހުމަދު ޝާޒަށް އައްބާސް އަށް ފަރުވާދިނުމަށް ފަހު އޭނާ މިއަދު އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

ނަޑެއްލާ، ކްލައިމެކްސް، ޝާޒަކީ، ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ދޫކޮށްލި ގދ. ނަޑެއްލާ އަތަމާގޭ އިބުރާހިމް ނާފިޒް (ޗިކާ)ގެ ތިމާގެ ކޮއްކޮ އެކެވެ. ޝާޒް ގެ ކާފަ އާއި ޗިކާ އަކީ ދެބެންގެ ދެދަރިން ކަމަށް ވެއެވެ. ޝާޒަކީ ނަޑެއްލާގެ ކުރީގެ ކައުންސިލަރު، އައްބާސް ޢަލީ ގެ ދޮށީ ފިރިހެންދަރިފުޅެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފޮނަދޫގައި ހުންނަ ސަންގެ ކޮރެސްޕޮންޑެންޓް އަހުމަދު ރަޝީދު ބުނީ ބުނީ ޗިކާގެ ކޮޮއްކޮއަށް ދީފައިވާ ބޮޑެތި ޒަހަމްތަކަށް ރޭ ވަރަށް ދަންވަންދެން ފަރުވާދިން ކަމަށާއި އޭނާގެ ހާލާ ބެހޭ ގޮތުން ހޮސްޕިޓަލުން އިތުރު އެއްޗެއް ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް ޝާޒްގެ ހާލު ދުށުމަށް މިއަދު ޒިޔާރަތް ކުރި ބައެއް މީހުން ސަން އަށް މައުލޫމާތު ދިން ގޮތުގައި ޝާޒުގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

"އޭނާ ބުނި ކަނާތު ފައިގެ ކަކޫ ނޫން ހުރިހާ ތަނެއް އޯކޭ އޭ. އަލުން ހިނގޭނެ ކަމަށް އުންމީދު ކުރަމޭވެސް ބުނި،" ޝާޒުގެ ހާލު ބަލަންދިޔަ އޭނާގެ ރައްޓެއްސަކު ބުންޏެވެ.

ހޮސްޕިޓަލުގެ ހެލްތު ބޯޑުގެ މެންބަރު އަދި ހިއުމަން ރިސޯސް އެންޑް އެޑްމިންގެ ޑިރެކްޓަރު ޢަލީ ފައިސަލް، ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރުގައި ޝާޒަށް ފަރުވާދީ ލޭ މަނާކުރުމަށްފަހު ހަށިގަނޑުން ފަހަންޖެހޭ ތަންތަން މިހާރު ފަހާފައިވާ ކަމަށާއި ޝާޒްގެ ފައިގައި ޕްލާސްޓަރު އެޅުމަށް ފަހު މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ހާލުވެސް ރަނގަޅު ކަމަށެވެ.

މޫނު ނިވާކޮށް ކަނޑި ހިފައިގެން ތިބި ބަޔަކު ރޭ ޝާޒަށް ދިން ހަމަލައިގައި ކަނާތު ކަކުލު ހުޅުގެ ޕަޓެއްލާ ނުވަތަ ފިޔަންކަށިގަނޑު ވަރަށް ބޮޑަށް ބުރިވެ ހަލާކުވެފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޝާޒްގެ ވާތު އުޅަނބޮއްޓާއި ކަނާތު ކަކުލުން ތިރި ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އައީސީޔޫގައި އޮތް ޝާޒަށް އިތުރު ފަރުވާ ދޭން މާލެ ގެންދަން ޖެހޭކަމަށާއި މިވަގުތު އޭނާ އައިސީޔޫގައި ބާއްވާފައި ވަނީ ހަތަރު ގަޑިއިރުގެ އޮޕަރެޝަނަކަށްފަހު މާލެ ފޮނުވުމުގެ ހޭނައްތައިގެން ކުރަންޖެހޭ ކުޑަ އެހެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށެވެ. އެހެން ކަމުން އިތުރު ފަރުވާއަށް ޝާޒް މާލެ ގެންދެވޭނީ އަދި ދެތިން ދުވަސް ފަހުން ކަމަށް ވެސް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.

"އޭނާ މިހާރު ސްޓޭބަލް ވަރަށް ގިނަ އަދަދަކަށް ލޭވެސް އަޅަން ޖެހުނު. މިހާރު ލޭ މަނާވެސް ވެސްޖެ. އިތުރަށް ކުރަންޖެހޭ އަތުގެ ސާޖަރީ މިކޮޅުގައި ދެން އޮންނާނީ،" ފައިސަލް ވިދާޅުވި އެވެ

މާމެންދޫ ކައުންސިލުގެ މެންބަރަކާ ހަވާލާދީ ގަމުގައި ހުންނަ ސަންގެ ކޮރެސްޕޮންޑެންޓް ބުނީ ކަނޑިއާއި ކަތިވަޅީގެ ހަމަލާގައި ރޭ ޝާޒުގެ ކަނާތުފަޔަށް ބޮޑު ޒަހަމެއް ދީފައިވާއިރު ވާތުފައިގެ ތިންތަނަކަށް ވަޅި ހަރައި ވާތު މުލައްދަނޑި ވެސް ފުންކޮށް ކަފާލާފައިވާ ކަމަށެވެ. މި ހަމަލާގައި ޝާޒްގެ ކަނާތު ފައިގެ ކަކުލު ހުޅުގެ ކަށިތައް އެއްކޮށް މުގުރައިގެން ގޮސްފައިވާކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ބުނަނީ އޭނާއަށް ބޮޑެތި ޒަހަމްތައް ލިބުނީ ހަމަދިން މީހުންގެ ކިބައިގެން ސަލާމަތް ވުމަށް ކަނޑިތަކާ ދިމާއަށް ފަޔާއި އަތް ހުރަސް ކުރުމުން ކަމަށެވެ.

ކަނޑިއަޅައިގެން ތިބި މީހުން ޝާޒަށް ހަމަލާ ދީފައި ވަނީ ރޭ ގާތްގަނޑަކަށް 8:00 ޖަހާއެހާކަންހާއިރު މާމެންދޫ ބަނދަރުމަތީ މައިޒާނުގެ ޖޯލި ފައްޗެއްގައި އެރަށު އެހެން މީހަކާ ވާހަކަ ދައްކަން އޮއްވަ އެވެ. ޝާޒަށް ހަމަލާދިން ބައެއް މީހުން ކަނޑި ހިފައިގެން ތިބި އިރު އެކެއްގެ އަތުގައި ކަތިވަޅި އާއި އެނޫން ހަތިޔާރުތައް ހުރި ކަމަށް ވެސް މާމެންދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކަނޑިއާއި ކަތިވަޅި ހިފައިގެން މޫނު ނިވާކޮށްގެން ޝާޒަށް ހަމަލަ ދިން ޖަމާއަތް ރޭ މާމެންދުއަށް ދިޔައީ ލޯންޗެއްގަ އެވެ. މާމެންދުއަށް އަރާ ޝާޒަށް ހަމަލާ ދިނުމަށް ފަހު އެމީހުން ފުރައިގެން ދިޔައީ ވެސް އެ ލޯންޗުގަ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ކަނޑިއަޅައިގެން ގޮސް މާމެންދޫގައި ދިން ބޮޑު ހަމަލައާ ގުޅިގެން ލ. އަތޮޅުން ހަ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއަޖަކު ވެސް ހިމެނޭ ކަމަށެވެ. އެއެންމެން ހައްޔަރުކޮށްފައި ވަނީ ލ. އަތޮޅުގެ ކޮން ރަށަކުން ކަމެއް ފުލުހުން ނުބުނެ އެވެ. ހަމައެކަނި ބުނީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މި ހަމަލައަށް ފަހު ޝާޒްގެ އާއިލާގެ ބަޔަކު މިއަދު ވަނީ ލ. ގަމަށް ގޮސްފަ އެވެ.

މާލެ ފިޔަވައި ލ. އަތޮޅު ވެފައި ވަނީ ނުރައްކާތެރި މާރާމާރީ އާއި ގޭންގް ކުށްތައް އެންމެ ބޮޑަށް އާންމުވެފައިވާ އަތޮޅަށެވެ.