މިއަދު ހެނދުނު ބާއްވާން ތާވަލުކުރި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިސާމް ސަން އަށް ވިދާޅުވީ މިއަދު 10:00 އަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ.

އިމްރާންގެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ބިސާމް ވިދާޅުވީ އެފަދަ ނިންމުމެއް ޕީޖީ އޮފީހުން ނިންމާފައިނުވާނެ ކަމަށެވެ.

"ޕީޖީ އޮފީހުން އެދިގެން މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރީ. މައްސަލަ އަނބުރާ ގެންދަން ނިންމާފައިނުވާނެ،" ބިސާމް ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔުމަށް ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އިމްރާން މިއަދު އަރުވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އޭނާ އަނިޔާވެރިކަމަށް ހިއްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން، އެ ވާހަކަތަކުން ހިއްވަރުލިބިގެން މުޒާހަރާގެ ބައިވެރިން ފުލުހުނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މެއި މަހުގެ އެއް ވަނަ ދުވަހުގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައިގެ ވީޑިއޯ ރެކޯޑިން އާއި ޕިކަޕެއްގޮސް ފުލުހުންގެ ސަފު ފޫއަޅުވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކާއި މުޒާހަރާގެ ބައިވެރިން ފުލުހަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިމެނެ އެވެ.

އެ މުޒާހަރާގައި ހަމަނުޖެހުން ހިންގަން އެއްވެސް ފަރާތަކަށް އިމްރާން އިރުޝާދު ދެއްވިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.