ނިއުދިއްލީ (ފެބްރުއަރީ 14) : އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ވެރިކަމުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކާ ގުޅުންތައް ހަރުދަނާ ނުކުރެވޭ ކަމަށް ވިދާޅުވެ އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވާހަކަ ދައްކަވައިފި އެވެ.
"އިންޑިއާ ޓުޑޭ" މަޖައްލާއަށް އަށް ދެއްވި އިންޓަވިއުއެއްގައި އުމުރުން 83 އަހަރުގެ މަންމޯހަން ސިންގް ވިދާޅުވީ ގައުމެއްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު ކަމަކީ އަވަށްޓެރި ގައުމުތަކާ ގުޅުންތައް ރަނގަނޅުކުރުން ކަމަށާއި ނަމަވެސް މޯދީގެ ސަރުކާރަށް އެކަން ނުކުރެވޭކަމުގަ އެވެ. މިގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝް އަދި މިޔަންމާއާ ގުޅުންތައް ރަނގަނޅު ނަމަވެސް އެހެން ބައެއް ގައުމުތަކާ ގުޅުންތައް މުޅިން ރަނގަނޅު ނޫން ކަމަށާއި ޚާއްސަކޮށް ޕާކިސްތާނާ ގުޅުންތައް ރަނގަނޅުވުމުގެ ބަދަލުގައި ގުޅުންތައް އިތުރަށް ގޯސްވެފައިވާ ކަމަށް މަންމޯހަން ސިންގް ވިދާޅުވި އެވެ. ނަމަވެސް އެމެރިކާއި އިންޑިއާގެ ގުޅުންތައް ރަނގަނޅުވަމުންދާކަން ސިންގް ފާހަގަ ކުރެއްވި އެވެ.

ސިންގް ވާހަކާގައި މޯދީގެ އިގްތިސާދީ ސިޔާސަތުތަކަށްވެސް ފާޑުވިދާޅުވި އެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާ އިރު އެކަމުގެ ހެޔޮއަސަރު އިންޑިޔާގެ އިގްތިސާދީ ދުވެލިން ނުފެންނަ ކަމަށް ސިންގް ވިދާޅުވި އެވެ. މިގޮތުން ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގައި އެކަށީގެންވާ ކާމިޔާބު ނުލިބޭކަމަށްވެސް ސިންގް ވިދާޅުވި އެވެ.

ސިންގް ވިދާޅުވީ ތެލުގެ އަގު ދަށަށް ދިޔުމާ އެކު އިންޑިޔާގެ ބާޒާރުގައި ތަކެތީގެ އަގު ހެޔޮވެފައިވާ ކަމަށާ ނަމަވެސް މިފަދަ ފަހި ފުރްސަތެއްގައި އިގްތިސާދު ކުރިޔަށްދާ މިންވަރަށް އިންޑިޔާގެ އިގްތިސާދު ކުރިޔަށް ނުދިޔުމަކީ މައްސަލައެއް ކަމުގަ އެވެ. ސިންގް މިހެން ވިދާޅުވި ނަމަވެސް މޯދީގެ ވެރިކަމުގައި އިންޑިއާގެ އިގްތިސާދަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މިބަދަލުތައް އައީ ތެލުގެ އަގު ދަށްވުމާ އެކު ތަކެތީގެ އަގުވެސް ދަށަށްދިޔުމުގެ ސަބަބުންކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. (އިންޑިޔާގެ މީޑިޔާ)