14 Feb 2016, 10:39
ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު އެ އަތޮޅު ހިރިމަރަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، އެމީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 00:35ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ހައްޔަރު ކުރުމަށް ފަހު ސުވާލު ކުރުމުން މަސްތުވާތަކެތި ފޮރުވާފައިވާ ތަންތަން ދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެގޮތުން އެ ރަށު އުތުރު ފަރާތުގައި ހުރި ހޮޅު އަށްޓެއް ބަލައި ފާސް ކުރި އިރު އެތަނުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ރަށު ވަލުތެރޭގައި ދަޅެއްގެ ތެރެއަށް ލައި ވަޅުލާފައިވާ ދަޅެއް ހޯދައި ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 241 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމައެހެންމެ، އެމީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަޙްޤީޤް ކުރަމުންނެވެ.