14 Feb 2016, 09:54
ވޮޝިންޓަން (ފެބްރުއަރީ 14): އެމެރިކާ އިން ކިއުބާއަށް ޖޫން 2014ގައި "އޮޅިގެން ފޮނުވުނު" ހެލްފަޔާ މިސައިލް އަނބުރާ އެމެރިކާއަށް ފޮނުވާލައިފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، އެެމެރިކާ އިން މިސައިލް ފޮނުވީ ނޭޓޯގެ ތަމްރީނުތަކަކަށް ސްޕެއިންއަށެވެ. މިސައިލްގައި ގޮވާތަކެތި ނެތަސް އެފަދަ އޮޅުމެއްގެ ސަބަބުން އެމެރިކާ އަށް މުހިއްމު މިސައިލް ޓެކްނޮލޮޖީ ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނެއް ކަމަށްވާ، މާކް ޓޯނާ ވިދާޅުވީ މިސައިލް އަނބުރާ ފޮނުވީ "ކިއުބާ ސަރުކާރުގެ އެއްބާރުލުމާ އެއްކޮށް" ކަމަށެވެ.
"ކިއުބާއާ އެކު ޑިޕްލޮމަޓިކް ގުޅުންތައް ގާއިމު ކުރުމުންނާއި އެގައުމުގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމުގެ ސަބަބުން ދެގައުމަށް ފައިދާހުރި ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން މިހާރު ފުރުސަތު ލިބޭ،" ޓޯނާ ވިދާޅުވި އެވެ.
އެމެރިކާގެ މިސައިލް އޮޅިގެން ކިއުބާއަށް ފޮނުވުނީ އެމެރިކާ އިން ފްރާންސަށް މިސައިލް ފޮނުވުމަށް ފަހު، ފްރާންސުން ނުބައި ބޯޓަކަށް މިސައިލް އެރުވުމުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ހެލްފަޔާ މިސައިލްއަކީ އާއްމުކޮށް ހެލިކަޕްޓަރެއް ފަދަ އުޅަނދަކުން ވައިގެ ހަމަލާދޭން ބޭނުންކުރާ މިސައިލެކެވެ. (އޭއެފްޕީ)