ރާއްޖޭގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ދިވެހި ބޭހާއި، އިންޑިއާގެ އަޔުރުވެދިކް ބޭސްވެރިކަމުގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

އިންޑިއާ ހެލްތު އެކްސްޕޯ 2016 ފެށުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ، ސިއްހީ ދާއިރާ ކުރި އަރާނީ އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ.

އެގޮތުން އިންޑިއާ އަދި ދިވެހިރާއްޖެއަކީ ވެސް އަމިއްލަ ބޭސްވެރިކަމެއް އޮތް ދެ ގައުމު ކަމަށާއި އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ ކަމަށެވެ.

"ރާއްޖެ އަދި އިންޑިއާ އަކީ ވަރަށް ކުރީއްސުރެއް އަމިއްލަ ބޭސްވެރިކަމެއް ކުރަމުން އަންނަ ދެ ގައުމު. އެއީ ވަރަށް އަގުހެޔޮ، އެހާމެ ފައިދާހުރި ކަމެއް." ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ އަޔުރުވެދިކް ބޭސްވެރިކަން ރާއްޖޭގައި ފަރިތަކޮށް، ދިވެހި ބޭސްވެރިކަން އިންޑިއާއަށް ގެންދެވިއްޖެ ނަމަ ދެ ގައުމަށް ވެސް ބޭސްވެރިކަމުގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ އަޔުރުވޭދާ އާއި ޔޯގާ ކަހަލަ ފަރުވާތަކުގައި އަޅުގަނޑުމެންގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރުމަށް ތައްޔާރަށް. އަދި ރާއްޖޭގެ ބޭސްވެރިކަމުން ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ސިއްހީ ދާއިރާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އިން ދެމި އޮންނާނެ ކަމަށެވެ.