ބާރަ ވަނަ "ދޯހާ ކޮންފަރެންސް އޮފް އިންޓާ ފެއިތު ޑައިލޮގު"ގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އިއްޔެ ދޯހާ އަށް ފުރާވަޑައިގެންފި އެވެ.

މިމަހުގެ 16 ވަނަ ދުވަހުން 17 ވަނަ ދުވަހަށް، ދޯހާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގެ ބޭނުމަކީ، ޓެރަރިޒަމް އާ މެދު މީހުންގެ ހިތްތަކުގައި އުފެދިފައި އޮންނަ ފިކުރާއި ހަރުކަށި ކަމާމެދު ވާހަކަ ދައްކައި ހައްލު ގެނެވޭނެ ގޮތްތައް ހޯދުން ކަމަށް އިސްލާމިކު މިނިސްޓްރީ އިން ބުނެ އެވެ.

އެގޮތުން ފާސިދު އަގީދާތަކާއި މީހުންނަށް އޮޅުން އަރާ ގޮތަށް ހުރި ބައެއް ކަހަލަ ދީނީ ކަންކަމާ މެދު އެ ކޮންފަރެންސްގައި ވާހަކަ ދައްކާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.

ހަމައެހެންމެ، ދަރިފަސްކޮޅުތަކުގެ މެދުގައި ހުންނަ ތަފާތުތައް ނައްތާލާ، މުޖުތަމައުގައި ހުންނަ ރޫހީ ފިކުރުތަކުގެ ތެރޭގައި ހުރި ބައިބައިވުންތައް ދުރުކުރުމަށް ވެސް އެ ކޮންފަރެންސްގައި ދީނީ ތައުލީމުގެ ތެރެއިން ވާހަކަ ދެކެވި ހިޔާލު ފާޅު ކުރެވޭނެ ކަމަށް ވެސް އިސްލާމިކު މިނިސްޓްރީ އިން ބުނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ކޮންފަރެންސްގައި އިސްލާމީ ގައުމުތަކާއި އިސްލާމް ނޫން ގައުމުތަކުން ވެސް ބައިވެރިވާނެ އެވެ. އެކަމުގެ ސަބަބުން، އިސްލާމްދީނުގައި އަންގަވާފައިވާ ރިވެތި އުޞޫލުގެތެރެއިން އިސްލާމް ދީނުގެ ކަންކަން ޣައިރު މުސްލިމުންނަށް ފޯރުކޮށްދެވި، އިސްލާމް ދީނުގައިހުރި ރިވެތި އުޞޫލުތައް ދަސްކޮށްދެވި، އަހުވަންތަކަން ފެތުރިގެންދާނެ ކަމަށް އިސްލާމިކު މިނިސްޓްރީ އިން ބުނެ އެވެ.

އިސްލާމިކު މިނިސްޓަރުގެ އެދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.