22 Apr 2011, 13:50
ދައުލަތަށް މިހާރު ލިބޭ އާންދަނީ ދެ ގުނަ އަށް އިތުރު ކުރުމަށް ބޭނުންވާ ކަމަށާއި އެ އާމްދަނީ ހޯދުމަށް ސަރުކާރުގެ ރިކަރަންޓް ހަރަދު ވަކިހަމައެއްގައި ބަހައްޓަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަފްތާ ރޭޑިއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ވޭތުވެދިޔަ ތިން ހަތަރު އަހަރަށް ވުރެ، މިހާރު ދައުލަތަށް ލިބޭ އާންދަނީ އިތުރުވެފައިވާ ކަމަށާއި ދައުލަތަށް ލިބޭ އާންދަނީ ދެ ގުނަ އަށް އިތުރުވާން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ދުވަސް ނަގާނެ ކަމަށާއި އެކަމަށާއި އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ހަރަދު ވަކިހަމައެއްގައި ބަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދައުލަތަށް ލިބޭ އެއްޗެއްގެ ބޮޑު ބަޔަކީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި ވެއްޖެނަމަ ދެން ތަރައްޤީގެ ފުރުސަތުތައް އޮންނާނީ ވަރަށް ހަނިވެފައި. ކެޕިޓަލް ޚަރަދު އެބަ ބޮޑުވާން ޖެހޭ. އެންމެ ރަނގަޅު ގޮތަކީ، ދައުލަތުގެ އާމްދަނީ އެތައްއެތައް ގުނައަކުން ބޮޑުކުރުން. އެހެންނަމަވެސް، އެކަން ކުރުމަށް އަދިވެސް ދުވަސް ނަގާނެ. މިހާރު ވެސް މިދިޔަ އަހަރަށް ވުރެ އަދި މީގެ ތިން ހަތަރު އަހަރަށް ވުރެ ދައުލަތަށް ލިބޭ އާމްދަނީ އެތައް ތަނަކުން އިތުރުވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ދިރިއުޅުން ތަރައްގީކޮށްދެވޭނެ ގޮތްތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ މަގުސަދެއް ކަމަށާއި ސަރުކާރުން ހިންގާ މެދު އަދި ކުދި ފަންތީގެ ވިޔަފާރީގެ ލޯން ޕްރޮގްރާމްގައި ބައިވެރިވެ، ވިޔަފާރީގެ ރޮގުން ކުރިއަށް ދިއުމުގެ މަގު މުވައްޒަފުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
ރައީސް މިއަދު ދެއްވި ރޭޑިޔޯ ހިތާބުގައި ރަށު ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އަތޮޅު ތެރެއަށް އެމަނިކުފާން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ މައްޗައް އަލިއަޅުއްވާލެއްވި އެވެ. ކައުންސިލްތަކުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށްދާ ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ފުރިހަމަ މިސާލުތައް ކައުންސިލްތަކުން ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.
"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ފުރިހަމަ މިސާލުތައް ދައްކަމުން، ރާއްޖޭގެ ކުދިކުދި ރަށްރަށުގައި މިކަން ހިނގަމުންދާ މިންވަރު މާ ފުރިހަމަ މާ ރަނގަޅު. އަޅުގަނޑުމެންނަށް މާލޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ހިންގުމުގައި ވަރަށް ގިނަ އަރައިރުމާއި ނަފްރަތާއި ޙަސަދަ އާއި އަދި ހަމަ އެހެންމެ ބާވަތްބާވަތުގެ ބަސްތަކާއި ވާހަކަތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކޮށް ރައްދުކުރަމުން އެބަގެންދެވޭ،" ރައީސް ނަޝީދު މިއަދ ދެއްވި 94 ވަނަ ރޭޑިއޯ ހިތާބުގައި ވިދާޅުވި އެވެ.