14 Feb 2016, 09:00
ބޮލީވުޑްގައި މިހާރު އެންމެ ވިދަމުން އަންނަ އެއް ޖޯޑަކީ ދީޕިކާ އާއި ރަންވީރުގެ ޖޯޑެެވެ. އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިހާތަނަށް އައި އިރު ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް އެދެތަރިންގެ ހަރަކާތްތަކުން އެކަން ހާމަވެ ޔަގީންވެ އެވެ.
ދީޕިކާ ހޮލީވުޑަށް ދިއުމުން ވެސް އެކަމާ އެންމެ އުފާވި އެކަކީ ރަންވީރު އެވެ. އެގޮތުން ދީޕިކާ މިހާރު ކެނެޑާގައި ޝޫޓު ކުރަމުން އަންނަ ފިލްމު، "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖު"ގެ ސެޓަށް ވެސް ރަންވީރު ވަނީ ޒިޔާރާތް ކޮށްފަ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫސޯ ވަނީ އޭނާ ރަންވީރު އާއި ދީޕިކާއާ އެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓު ކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި އޮތީ "ރަންވީރު ސިންގު ފިލްމުގެ ސެޓަށް މިއަދު ކުރި ހާއްސަ ޒިޔާރަތެއް. ވަރަށް އުފާވެފައި ހުރި ދީޕިކާ އެއް. ރަނގަޅު ސްޕްރިޓަކާއި ހިނިތުން ވުމެއް"، މިހެންނެވެ.
ރަންވީރު ދީޕިކާ އާ ބައްދަލު ކުރުމަށް ގޮސްފައި ވަނީ ލޯބި ވެރިންގެ ދުވަހާ ދިމާކޮށް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ކޮންމެއަކަސް ރަންވީރު އާއި ދީޕިކާ އާ ދެމެދު ވަނީ ރަހުމަތްތެރިކަމުގެ ގުޅުމެއް ނޫންކަން މިހާރު ކަށަވަރު ވެ އެވެ.