ނަސާރާ ދީނުގައި ކޮންމެ ފެބްރުއަރީ މަހެއްގައި ފާހަގަ ކުރާ، ލޯބިވެރިންނަށް ޚާއްސަ ވެލެންޓައިންސް ޑޭ ޕާކިސްތާނުގައި ފާހަގަކުރުން، އެ ގައުމުގެ ރައީސް މަމްނޫން ހުސައިން ކުށްވެރި ކުރައްވައިފި އެވެ.

ރައީސް މަމްނޫން ހުސައިން ވިދާޅުވީ، ލޯބިވެރިންގެ ދުވަހަކީ ޕާކިސްތާނާއި މުސްލިމުންގެ ސަގާފަތާއި އާދަކާދައާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، އެއީ މުސްލިމުންގެ ތެރެއަށް ވަދެފައިވާ ހުޅަނގުގެ ނުރަނގަޅު ސަގާފަތެއް ކަމަށެވެ.

ޕާކިސްތާނުގެ ގިނަ ޒުވާނުން ވެލެންޓައިންސް ޑޭ ފާހަގަ ކުރާ އިރު، އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި މި ދުވަސް ފާހަގަ ކުރުން ވަނީ މަނާ ކޮށްފަ އެވެ. ބައެއް ސަރަހައްދުތަކުގެ ލޯކަލް ގަވަމެންޓުތަކުން ވަނީ، ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުރި، މި ދުވަހާ ގުޅުން ހުރި ކާޑާއި އެހެނިހެން ތަކެތި ނެގުމަށް އަންގައި ހަދައިފަ އެވެ.

ޕެޝާވަރުގެ ލޯކަލް ކައުންސިލުން ވެސް ވަނީ، ވެލެންޓައިންސް ޑޭއަކީ "ބޭކާރު" ދުވަހެއް ކަމަށާއި އެ ދުވަސް ފާހަގަ ކުރުން މަނާ ކުރުމަށް ނިންމައި ގަރާރެއް ފާސްކޮށްފަ އެވެ.