ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ސެމީފައިނަލްގައި، ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް 3-4 ގެ ނަތީޖާއަކުން ބަލިކޮށް ދިހަ ކުޅުންތެރިންނާއި އެކު ކުޅުނު ނޭޕާލްއިން ފައިނަލްގް ފަހު ޖާގަ ހޯދައިފިއެވެ.

އެ މެޗުގެ ކުރީ ކޮޅުގައި ނޭޕާލުން ލީޑްނެގި އިރު އެ ގޯލު 14 ވަނަ މިނެޓްގައި ބިމަލް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބް ކުރީ އަންޖަން ބިސްޓާއެވެ. އެ ގޯލަށް ފަހު ނޭޕާލުން ވަނީ މެޗުގެ ކޮންޓްރޯލު ހޯދައި މޮޅުކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޭޕާލަށް ލީޑް އިތުރަށް ފުޅާކޮށްދިނީ ނަވަޔުގް ޝްރެސްތާގެ ގޯލުންނެވެ.

ދެ ގޯލުގެ ލީޑަކާ އެކު ނޭޕާލުން ދެވަނަ ހާފް ފެށި ނަމަވެސް ރާއްޖެއިން ވަނީ ކުޅުން ރަނގަޅު ކޮށް މުޅި ޓީމު ކުރިއަށް ޖައްސައިގެން ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ދެވަނަ ހާފްގެ ކުރީކޮޅު ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ގޯލެއް ކާމިޔާބުކޮށް ރާއްޖެއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނޭޕާލަށް އިތުރު މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 65 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭޭ) އަށް ނޭޕާލުގެ ކަމާލް ޝްރެސްތާ ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑާއެކުއެވެ.

ރަތް ކާޑަށް ފަހު ނޭޕާލުގެ ހުރިހާ ކުޅުންތެރިން އެ މީހުންގެ ހާފްގެ ތެރޭގައި ޑިފެންސިވް ކުޅުމެއް ދެއްކި ނަމަވެސް ރާއްޖެއިން ވަނީ ނޭޕާލުގެ ގޯލު ފޫއަޅުވާލައި ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ނޭޕާލުގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ހަލުވި ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

އެ ނަތީޖާ ގައި އޮވެ މެޗުގެ 90 މިނެޓް ހަމަވުން ނަތީޖާ ނެރެން ކުޅުނު 15 ވަނަ މިނެޓްގެ ދެ ހާފްގެ ތެރެއިން ދެވަނަ ހާފްގައި ޒުވާން ފޯވާޑް ހަސަން ނާއިޒް (ދާދު) ވަނީ ރާއްޖެއަށް ލީޑުނަގައިދީ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްދީފައެވެ. ނަމަވެސް ދާދު އެ ގޯލު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ނޭޕާލްގެ ޝްރެސްތާގެ ގޯލުން ނަތީޖާ އެއްވަރުކޮށް ދެވަނަ ހާފްގެ އެންމެ ފަހު މިނެޓްކޮޅުގައި އޭނާގެ ހެޓްރިކާއި އެކު ރާއްޖެ ކަޓުވާލުމަށް ފަހު ނޭޕާލުން ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މެޗުން ބަލިވުމުން ރާއްޖެއަށް ދެން ޖެހޭނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އިންޑިއާ އަތުން މިއަދު ބަލިވި ބަނގުލަދޭޝްއާ ދެކޮޅަށް ތިން ވަނަ ހޮވާ މެޗުގައި ކުޅޭށެވެ. މުބާރާތުގެ ފައިނަލްގައި ނޭޕާލާ ބައްދަލުކުރާނީ އިންޑިއާއެވެ.