ރާއްޖެއާ މެދު ގޮތެއް ނިންމާނީ ދައްކާ ވާހަކަ އަށް ވުރެ އަމަލުތަކަށް ބަލައިގެން ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ބުނެފި އެވެ.

އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގައި ހުރި މައްސަލަތަކާއި ގުޅިގެން މަޝްވަރާކޮށް ވާހަކަ ދެއްކުމަށް މަރުހަބާ ކިޔާ ކަމަށެވެ.

"މައްސަލަތަކާ މެދު ވާހަކަ ދައްކަން މަރުހަބާ ކިޔަން. އެކަމަކު ގޮތެއް ނިންމާނީ ދައްކާ ވާހަކައަށް ވުރެ އަމަލަށް ބަލައިގެން،" ޓުވީޓުގައި ބުނެފައިވެ އެވެ.

އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މިޝަނުން ކުރި އިތުރު ޓުވީޓެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންދިއުމަކީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސް އެޅޭ ފަދަ ކަމެއް ކަމަށެވެ.

"ގާނޫނާ އެއްގޮތަށް ކުރި މުޒާހާރާއެއް ހުއްޓުވާ، އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަން ނަގާލާ ޝެއިހް އިމްރާން އަލުން އަނބުރާ ޖަލަށް ގެންދިއުމަކީ އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސްއެޅޭނެ ފަދަ ކަމެއް،"

އީޔޫ އިން އެފަދަ މޭރުމަކުން ވާހަކަ ދެއްކި އިރު ރާއްޖޭގައި އޮތް ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދޫކޮށްލައި މަޝްވަރާތައް އަލުން ފެށުމަށް ޔޫރަޕިއަން ޕާލަމެންޓުން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުނިންމާ ގޮތަށް ރާއްޖޭގެ ހާލަތު ބަދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށް ޔޫރަޕިއަން ޕާލަމެންޓުން ވަނީ ބުނެފަ އެވެ.