22 Apr 2011, 10:48
މާލޭގައި ކުރާ ބޮޑެތި ވައްކަންތަކާއި ފޭރުންތަކާ ގުޅިގެން ބޮޑު ފަސް ވަގުން ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުން ހައްޔަރުކޮށް އެ މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.
ބޮޑު ފަސް ވަގުންގެ ތުހުމަތުގައި ފުލުހުން އިއްޔެ ނަމާއި ފޮޓޯ އާންމު ކުރި ފަސް މީހުންނަކީ މާލޭގައި ހިނގާ ބޮޑެތި ވައްކަމާއި ފޭރުންތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވިދާޅުވި އެވެ.
އެގޮތުން ނަން އާންމު ކުރި ފަސް މީހުންގެ ތެރޭ ހިމެނެނީ މީގެ ކުރިން 11 ފަހަރެއްގެ މަތިން ހައްޔަރު ކޮށް ހަ މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ މ. ދާރުލްގަރާރު އަހުމަދު ރިޝްވާން 25، އެވެ. ދެން ހިމެނެނީ ހ. ސަމަރގްރީން އިބްރާހިމް ޒަކަރިއްޔާ 19، އެވެ. މީގެ ކުރިން އަށް ފަހަރެއްގެ މަތިން ފުލުހުން މީނާ ހައްޔަރުކޮށް، ތިން މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
ފުލުހުން އިއްޔެ މަޢުލޫމާތު އާންމު ކުރި ތިން ވަނަ މީހަކީ މާލޭ ދަފްތަރު އަބުދުﷲ ނަސީރު (ގާލެންޑޯ) 19، އަހަރެވެ. އޭނާގެ ފަސް މައްސަލަ އެއް ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު 11 ފަހަރެއްގެ މަތިން ވަނީ ހައްޔަރުކޮށްފަ އެވެ. ބޮޑު ވަގުން ކަމަށް ފުލުހުން ތުހުމަތުކުރާ މީހުންގެ ލިސްޓުގެ ހަތަރު ވަނައިގައި ހިމެނެނީ އުމުރަށް ޖަލަށްލާފައިވާ ހުރި މއ. އާފަލުގޭ މުހައްމަދު މުޖްތޮބާ 27، އެވެ. އޭނާ އަކީ 15 ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށް ދެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާ މީހެކެވެ. ފަސްވަނަ މީހަކީ މީހަކީ ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށު ސެމާ، ނާމިދު މުހައްމަދު 24، އެވެ. އޭނާގެ ދެ މައްސަލައެއް ޕީޖީ އަށް ފުލުހުން ފޮނުވާފައިވާއިރު ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.