މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ އިންޖީނުގޭގައި ހުޅުޖަހަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 10 ދުވަސް އިތުރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މާލޭ ސިޓީގެ ތިން އިންޖީނުގޭގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ވިލިމާލޭ އިންޖީނުގެ ތެރެއަށް ރޯކޮށްލާފައިވާ ޕެޓްރޯލް އަޅާފައިވާ ފުޅިއެއް އެއްލާލައިގެން އެތަނުގައި ރޯކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށް ސްޓެލްކޯ އިން މީގެކުރިން ވަނީ ބުނެފައެވެ.

ނަމަވެސް އިންޖީނުގޭގައި އަލިފާން ރޯނުވަނީސް އިންޖީނުގޭގެ މުވައްޒަފުން ވަނީ އެ ފުޅީގައި ހުރި އަލިފާން ނިއްވާލާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ވިލިމާލޭ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގައި ހުޅުޖަހާފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނީ އެ ޖަނެރޭޓަރުގައި ރޯކޮށްލާފައި ވަނީ ހުޅުމާލޭ އިންޖީނުގޭގައި އަލަށް އިތުރުކުރި ބައިގެ ވައި ބޭރުކުރާ ދޮރެއް ހަލާކުކޮށްލައިގެން އެތާ އެތެރެއަށް ޕެޓްރޯލް ފުޅިއެއް އެއްލައިގެން ކަމަށެވެ.