ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ފަރިޔާޒު ހައްޔަރުކުރީ ރާއްޖެޓީވީ ތެރޭގައި ހުއްޓާ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ފަރިޔާޒު ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި މިއަދު އާއްމުކުރި ލިޔުމެއްގައި ފުލުހުން ބުނީ މިއަދު މެންދުރު ފުލުހުންނަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ސީންގައި ހަރަކާތްތެރިވަމުން ދަނިކޮށް ފަރިޔާޒު ފުލުހުންގެ ހަރަކާތްތައް ފޮޓޯ ނަގަމުން ގެންދާތީ އޭނާއާއި ފުލުހުން ސުވާލުކުރި ކަމަށެވެ.

ފުލުހުން ބުނީ ފަރިޔާޒާއި ސުވާލުކޮށް އޭނާ އަކީ ނޫސްވެރިއެއްތޯ ފުލުހުން އޭނާގާތު އެހި ކަމަށެވެ. އެވަގުތު އެއީ ނޫސްވެރިއެއްކަމަށް ބުނިނަމަވެސް ނޫސްވެރިއެއްކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް އޭނާ ފުލުހުންނަށް ދައްކާފައި ނުވާ ކަމަށް ވެސް ފުލުހުން އާއްމުކުރި ލިޔުމުގައި ބުނެފައިވެ އެވެ.

" އަދި ފުލުހުން އޭނާ އާއި ބެހޭ މަޢުލޫމާތު ހޯދަން އެދުމުން އޭނާވަނީ ފުލުހުންނަށް މައުލޫމާތު ނުދީ ދުވެގޮސް ފުލުހުންނަށް ފިލަންވެގެން ރާއްޖެ ޓީވީ ހިންގާ އިމާރާތަށް ވަންނަން މަސައްކަތް ކޮށްފައެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް ފިލަންވެގެން ގޮސް ރާއްޖެ ޓީވީ ހުންނަ ޢިމާރާތަށް ވަންނަން އުޅެނިކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖެ ޓީވީ ސްޓޭޝަންގެ ބޭރުންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ރާއްޖެ ޓީވީ ސްޓޭޝަންތެރެއަށް ފުލުހުން ވަދެފައެއް ނުވެއެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފަރިޔާޒު ހައްޔަރުކޮށް އޭނާއާބެހޭ މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފަރިޔާޒު ހައްޔަރުކުރި އިރު އޭނައާ ދިމާލަށް ހަޑިއެއްޗިހި ފުލުހުން ނުކިޔާ ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

ފުލުހުން މިއަދު އާއްމުކުރި ލިޔުމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ "ސަން" އަށް މިއަދު ވިދާޅުވީ ފުލުހުންގެ ބަޔާނަކީ "ރޯ ބުހުތާނު ދޮގު" ކަމަށެވެ. ފަރިޔާޒު ހައްޔަރުކުރީ ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ހުއްޓާ ކަމަށާއި އަދި އޭނާ ހައްޔަރުކުރީ ރާއްޖެޓީވީގެ މުވައްޒަފުންގެ ކުރިމަތީގައި ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

"ފަރިޔާޒު ގައިގައި ތަޅައިގަނެ، ވަކި އަޅުވާ ދެން ގަމީސް އިރާލާ، ބަރަހަނާކޮށް އެ ހުރިހާ ކަމެއް ފުލުހުން ހިންގި. މުވައްޒަފުންގެ ކުރިމަތީގައި. ފުލުހުން އެތާ އެތެރެއަށް ވަން މަންޒަރު އެތަނުގައި ތިބި ހުރިހާ ނޫސްވެރިންނަށް ވެސް ފެނުން،"ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވީ ފުލުހުން ހަދަނީ ބުހުތާނު ދޮގު ކަމަށާއި ދެ ފުލުހަކު ފަރިޔާޒާ ދިމަލާށް ވަރަށް ހަޑިހުތުރުބަހުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ފުލުހުން ފަރިޔާޒު ހައްޔަރުކުރުމުގެ ކުރިން އޭނައާ ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެއީ ރާއްޖެ ޓީވީގެ ނޫސްވެރިއެއްކަން ފުލުހުންނަށް އެނގޭ ކަމަށް ވެސް ފިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިއަކާ ދިމާލަށް ފުލުހަކު ހަޑިހުތުރުބަހުން ވާހަކަދައްކާފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޑޭންޑުން ބެލިއިރު، ސާބިތުވެފައިވާ ކަމަށެވެ.