ބައެއް މީހުން ސަލާން ޖަހައިގެން ފައިސާ ހޯދަނީ ހަމަ ހަގީގަތުގައި ވެސް އެ މީސްމީހުންގެ ބައެއް ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. ނަމަވެސް ސަލާން ޖަހަން މަގުމައްޗަށް ނުކުންނަ ހުރިހާ މީހުންނަކީ އެފަދަ ޒަރޫރީ ބޭނުމެއް އޮވެގެން ސަލާން ޖެހުމަށް މަގުތައް މައްޗަށް ނުކުންނަ ބައެއް ނޫނެކެވެ. އެފަދަ އެކަކީ ވިޔަފާރިވެރިންގެ މިސްކިތް ހުންނަ ސަރަހައްދުގައި މިސްކިތުން ފައިބާ މީހުންނާ އޮލަ ވާހަކަތަކެއް ދެއްކުމަށް މަސްއޫލުވެ ހުންނަ މީހެކެވެ. އޭނާގެ ކަމަކީ މިސްކިތުން ފައިބާ ކޮންމެ މީހަކާ ދިގު ވާހަކަ ދެއްކުމެވެ. އޭނާގެ އެ ވާހަކަތަކަށް ހެއްލުމަށް ފަހު ބައެއް މީހުން ވޮލެޓު ނަގައި އޭނާ އަށް ރުފިޔާ ދެމުންދެ އެވެ. އެހެން ކަމުން އޭނާ އެކުރާ ކަމަކީ ފައިސާ ހޯދަން ސަލާންޖެހުންކަން ޔަގީން ކުރެވުނެވެ. ބައެއް މީހުންނާ ވާހަކަ ދަށްކާ އިރު އޭނާގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި ލޮލުން އޮހެރޭ ކަރުނަތައް ގިނަ އެވެ.

މިދައްކަނީ "ނ" އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއްގެ ވާހަކަ އެވެ. މެދުއުމުރުގެ އެމީހާ ހުންނަނީ ނުރަ ބޮޑު ތުނބުޅިއެއްލައިފަ އެވެ. ގައިކުލަ އެހާ އަލިނޫން އެމީހާ ގިނައިން ހަރަކާތްތެރި ވަނީ ވިޔަފާރިވެރިންގެ މިސްކިތް ހުންނަ ސަރަހައްދުގަ އެވެ. އެކި މީހުންގެ އަތުން ފައިސާ ހޯދުމަށް އޭނާ މީހުން ހިތްދަތިކުރުވާ ފަދަ ވާހަކަތައް ދައްކަ އެވެ. އަދި ހާއްސަކޮށް އޭނާގެ "އަޅުވެރިކަން" ދައްކަ އެވެ.

އޭނާ މިހާރަކަށް އައިސް ދައްކަމުން އަންނަނީ އެއް ވާހަކައެކެވެ. އެއީ އޭނާގެ ދައްތައެއް އޮޕަރޭޝަންކޮށްގެން އައިޖީއެމްއެޗްގައި އޮތް ވާހަކަ އެވެ. މާލޭގައި ހުންނާނެ ތަން ހަމަޖެހިފައިވީ ނަމަވެސް ކުޑަކުއްޖަކު ގޮވައިގެން އުޅުމާ އެކު އެންމެ ބޮޑު ދައްޗަކީ ކެއުން ކަމަށެވެ. ކާނެ ގޮތެއް ނެތުމުން ކަމަށް ބުނެ ކެއުމަށް ފައިސާ ފޯއްޗެއް ދިނުމަށް އޭނާ އެދެ އެވެ. އެ ވާހަކަތަކުގެ އަވައިގައިޖެހި ގިނަ ބަޔަކު އޭނާ އަށް ފައިސާދޭ ކަމަށް ވެސްވެ އެވެ.

ތިމާގެ "އަޅުވެރިކަމާއި" އުޅެން ޖެހޭ ހާލު ދެރަކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނަގަމުންދާ އެމީހާގެ ފަރާތުން ދެން ފެންނަމުންދިޔައީ މާ ނުކިއްސަރު ކަމެކެވެ. ދައްތަގެ ހިދުމަތުގައި ހުރި ކަމަށް ބުނާ އެމީހާ ތަންތަނަށް ބިއްޖެހިފައި އިންނަތަން އެތައް ބަޔަކަށް ފެންނަން ފެށީ އެވެ. އާއެކެވެ. މަސްތުވާތަކެތި ބޭނުން ކުރަނީ އެވެ. އެހީއަށް މީހުންދޭ ފައިސާ އިން އޭނާ މަސްތުވަނީ އެވެ.

އޭނާ ނިސްބަތްވާ ނ. އަތޮޅުގެ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މީހުންނަށް ސަލާންޖަހައިގެން ލިބޭ ފައިސާ އަށް މަސްތުވަމުން އޭނާ ދިއުމަކީ ހަގީގަތެއް ކަމަށެވެ. އެކަމުގެ ސަބަބުން ދެތިން ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

"މާލެ ދާއިރަށް އެގޮތަށް [މަސްތު] ވަނީ، މިކޮޅުގައި ހުންނަ އިރު ރަނގަޅު، މާލެދާއިރަށް ސީދާ ހަކުރު ބޭނުންކުރަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމީހާ ކުރިން ހަރަކާތްތެރި ވަމުންދިޔައީ ބޭސް ސިޓީ ހިފައިގެން ސަލާންޖަހަމުން ކަމަށާއި މިހާރު އާސަންދަ އޮންނާތީ އެހެން އުކުޅުތައް ބޭނުންކޮށްގެން ފައިސާ ހޯދަމުންދާ ކަމަށެވެ.

އިސްވެ މިކިޔައިދިން ހާދިސާ ފަދަ އެތައް ހާދިސާއެއް ވެރިރަށް މާލޭގައި ދަނީ ހިނގަމުން، ތަކުރާރުވަމުންނެވެ. ތިމާގެ ފަރާތުން ހަމްދަރުދީވާ ފަދަ ނުވަތަ މީހުންނަށް އަސަރުކުރުވާ ފަދަ ވާހަކަތައް ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދަން އުޅޭ ފަރާތްތައްގިނަ އެވެ. އެގޮތުން ތުއްތު ކުއްޖަކު ގޮވައިގެން އެ ކުއްޖާއަށް އެހީވެ ދިނުމަށް އެދެމުން މިސްކިތްތަކަށް ވަންނަ އަންހެނަކު ވެސް ދޭތެރެދޭތެރެ އިން ހަރަކާތްތެރިވެ އެވެ. ކެފޭ ރެސްޓޯރެންޓްތަކަށާއި ބޭންކްތައް ކައިރީ އެގޮތަށް ސަލާންޖަހަން އުޅޭ އެތައް ބަޔަކު އުޅެ އެވެ.

ފުރުގާން މިސްކިތުގެ ތެރޭގައި އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން ސަލާންޖެހުމަށް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ

އެފަދަ މީހުން އާންމުކޮށް އުޅޭ ހިސާބު ބަލައި އެމީހުންނާ ވާހަކަ ދެއްކުމުން އެނގުނު ގޮތުގައި އެފަދަ މީހުން މުޅިން ވެސް ދައްކަނީ އެމީހުންނަށް ޖެހިފައިވާ ބޮޑު ބައްޔެއް ނުވަތަ ދިރިއުޅުމަށް ދިމާވެފައިވާ ބޮޑުކަމެއްގެ ވާހަކަ އެވެ. ކަރުނަޔާއި އަސަރާ އެކު އެވާހަކަތައް ކިޔައި ދިނުމަށް ފަހު ދެން މަސައްކަތް ކުރަނީ އަނެކާގެ އަތުން ފައިސާ ހޯދުމަށެވެ. ގޭގެއަށް ވަދެ އެޑްރާމާތައް ތަކުރާރުކޮށް ފައިސާ ހޯދުން ވެސް މަދެއް ނޫނެވެ.

އޮޅުވާލައިގެން ސަލާންޖަހާ މީހުން ބޭނުންކުރާ ތަފާތު އުކުޅުތައް ހުރެ އެވެ. އޭގެ ތެރޭގައި މީހުން ބޮޑަށް އަޅައިގަންނަ ގޮތްތައް އެމީހުން ދައްކަ އެވެ. އޭގެ ތެރޭގައި ބަނޑުބޮޑު ހާލުގައި އުޅޭ އަންހެނެއް ކަން ދެއްކުމާއި ތުއްތު ކުދިން ދައްކައި އެކުދިންނަށް އެހީވުމަށް އެދެ އެވެ. މަންމަ ނުވަތަ އާއިލާގެ ކޮންމެ ވެސް މީހެއް ވަރަށް ބަލިކަމަށް ބުނެ ޑޮކްޓަރުންގެ ލިޔުންދެއްކުމާއި ކޮންމެވެސް ތަނަކުން ޒަހަމެއް ދެއްކުން ފަދަ ކަންކަމީ ވެސް މީހުންގެ ހިތްދަތި ކުރުވާ ފައިސާ އަތުލުމަށް ކުރާކަން ކަމެވެ. ނޫނީ ބަނޑުހައިވެގެން އުޅުމާއި ޓިކެޓެއް ގަންނާނެ ވަރު ނެތިގެން ކަމަށް ބުނެ ފައިސާ އަށް އާދޭސް ކުރުން ވެސް ހިމެނެ އެވެ.

އެގޮތަށް މީހުންގެ އަތުން ފައިސާ ނަގަމުންދާ ގިނަބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކެވެ. އަތުންފައިން ބުރަ މަސައްކަތެއްނުކޮށް ސަލާންޖަހައިގެން ހޯދާ ފައިސާ އިން މަސްތުވުމަކީ އެމީހުން ކަންކުރަމުން އަންނަ ގޮތެވެ.

އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން ވެސް ވިދާޅުވެފައި ވަނީ އެފަދަ ގޮތްގޮތަށް ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން ޝަކުވާ ލިބޭ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލަމުންދާ ކަމުގެ، ފުލުހުން ދަނީ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް ކަމާ އެކު ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިސްވެ މިފާހަގަ ކުރި ކަންކަމަށް ބަލާ އިރު މޮޅެތި ވާހަކަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދުން މާލޭގައި އިންތިހާއަށް އާންމުވެފައިވާކަން އެބަ ޔަގީންވެ އެވެ. ހާއްސަކޮށް ސަލާންޖަހަން އުޅޭ މީހުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަކަން ވެސް ފާހަގަކުރެވެ އެވެ. އެހެންކަމުން ސަލާން ޖަހާ މީހަކަށް ނުވަތަ ތިމާކައިރި ކަންކަމު ކިޔާ ނުދަންނަ މީހުންނަށް ކަންކަން ކޮށްދޭ އިރު ރަނގަޅަށް ވިސްނަން ޖެހެ އެވެ.