"ފައިބްރޯމަޔަލްޖިއާ"، އެހާ ރައްޓެހި ނަމަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް، އެއީ ދުނިޔޭގެ އެތަކެއް ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭންދެނިވި ސިންޑްރަމް އެކެވެ. އޭގެ ތެރެއިން ވެސް ގިނައީ އަންހެނުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެެ.

ގަދަ އަށް ހުޅުހުޅާއި މަސްގަނޑުގައި ރިއްސުމަކީ އެ ސިންޑްރަމްގެ އަލާމާތްތަކެވެ. އެ ވޭނާ އެކު މޫނު މައްޗަށް އަނދިރިވުމާއި، ހަނދާނުގެ މައްސަލަ، ޑިޕްރެޝަން އަދި ހަމަ ނިދި ނުލިބުމަކީ ވެސް އެ ސިންޑްރަމް ޖެހިފައިވާ މީހުން ތަހައްމަލު ކުރަމުން އަންނަ ކަންތައްތަކެވެ. އަދި އެ ސަބަބުތަކާ ހުރެ، ވަޒީފާ އަދާ ކުރުމާއި މަސައްކަތް ކުރުމަށް ވެސް އެ ސިންޑްރަމް ޖެހިފައިވާ މީހުންނަށް ދަތިވެ އެވެ.

ފައިބްރޯމަޔަލްޖިއާ ޖެހެނީ ކިހިނެއް؟

ފައިބްރޯމަޔަލްޖިއާ ޖެހޭ މައިގަނޑު ވަކި ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެހެންނަމަވެސް އެއީ ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ލިބޭ އަނިޔާއެއްގެ ސަބަބުން ޖެހިދާނެ ސިންޑްރަމް އެއް ކަމަށް ބުނެވެ އެވެ. ހަމައެއާ އެކު އިންފެކްޝަނެއްގެ ސަބަބުން ނުވަތަ ޖެނެޓިކަލީ ވެސް އެ ސިންޑްރަމް ޖެހިދާނެ ކަމަށް ބުނެވެ އެވެ.

ފައިބްރޯމަޔަލްޖިއާ ގެ އަލާމާތްތައް

ފައިބްރޯމަޔަލްޖިއާ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި މުޅި ހަށިގަނޑުގައި ރިއްސުމާ އެކު، ކަރާއި އުނަގަނޑުގައި ގަދައަށް ރިއްސުން ހިމެނެ އެވެ. އަދި ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުން، އެންޒައިޓީ، ޑިޕްރެޝަން އަކީ ވެސް އެ ސިންޑްރަމްގެ އަލާމާތްތަކެވެ.

ތަޖުރިބާ ކާރުން ބުނާ ގޮތުން، އެ ސިންޑްރަމް ޖެހިފައި ތިބޭ މީހުން ތަދާއި ވޭނަށް ވަރަށް ސެންސިޓިވް ވާނެ އެވެ. ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަނީ، ސިކުނޑީގައިވާ ބައެއް ކެމިކަލް ތަކަށް އަންނަ ބަދަލު ތަކެވެ.

ފައިބްރޯމަޔަލްޖިއާ އަށް އޮތްފަރުވާ

ފައިބްރޯމަޔަލްޖިއާ އަކީ މިހާތަނަށް އައިއިރު އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ސިންޑްރަމް އެކެވެ. އެހެންނަމަވެސް އެ ސިންޑްރަމްގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭނަށް ލުއި ކަމެއް ހޯދުމަށް ކަސްރަތު ކުރެވިދާނެ އެވެ. އަދި ތަދު ކަނޑުވާ ބޭސް ވެސް ބޭނުން ކުރެވިދާނެ އެވެ. ހަމައެހެންމެ، ޑިޕްރެޝަން އަށް އެންޓިޑިޕްރެސެންޓްސް ވެސް ބޭނުން ކުރެވިދާނެ އެވެ.