13 Feb 2016, 15:26
ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން 2013 ވަނަ އަހަރު މުޅި ދުނިޔެއިން 5.5 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އެމެރިކަން އެސޯސިއޭޝަން ފޯ އެޑްވާންސްމެންޓް އޮފް ސައިންސް (އޭއޭއޭއެސް)އަށް އިއްޔެ ހުށަހެޅި ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާ އާއި ކެނެޑާ އާއި ޗައިނާ އާއި އިންޑިއާގެ ސައިންސުވެރިން ހުށަހެޅި ދިރާސާގައިވާ ގޮތުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން 2013 ވަނަ އަހަރު ޗައިނާ އިން 1.6 މިލިއަން މީހުންނާއި އިންޑިއާ އިން 1.4 މިލިއަން މީހުން މަރުވި އެވެ.
"ވައި ތަޣައްޔަރުވުމަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު އަދި އެއީ ތިމާވެށީގެ ސަބަބުން ޖެހޭ ބަލިތައް ޖެހޭ މައިގަނޑު ސަބަބު،" ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ރިސާޗާއެއް ކަމަށްވާ މައިކަލް ބްރޫއާ ވިދާޅުވި އެވެ.
އަދި ތަޣައްޔަރުވެފައިވާ ވައިގައި ހުންނަ މާއްދާތައް ނޭވާލުމުގެ ނިޒާމަށް ވަނުމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ކެންސަރާއި، ބްރޮންކައިޓިސްއާއި، އެމްފަސީމާއާއި އިންފެކްޝަންތައް ޖެހުމަށް މަގުފަހިވާ ކަމަށް ބްރޫއާ ވިދާޅުވި އެވެ.
އިއްޔެ އާއްމުކުރި ދިރާސާގައިވާ ގޮތުން ހަމައެކަނި ކޯލް އަންދައިގެން ޖައްވަށް ބޭރުވި ގޭސްތަކުގެ ސަބަބުން ޗައިނާއިން 366،000 މީހުން މަރުވި އެވެ. ޗައިނާއިން ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނިގޮތުގައި ކަރަންޓް އުފެއްދުމަށް ކޯލް އެންދުމަކީ ޗައިނާގެ ވައި ތަޣައްޔަރުވާ މައިގަނޑު ސަބަބެވެ.
އިންޑިއާގައި ވައި ތަޣައްޔަރުވާ މައިގަނޑު ސަބަބަކީ ކެއްކުމަށާއި ފިނި މޫސުމުގައި ދަރާއި އެފަދަ ތަކެތި އެންދުންކަމަށްވެސް ދިރާސާގައިވެ އެވެ. އެހެންކަމުން އިންޑިއާގެ މަގުތަކުންނާއި ފެކްޓަރީތަކުން ބޭރުކުރާ ނުރައްކާތެރި މާއްދާތަކަށް ވުރެ ގެތަކުން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާތައް ގިނަ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އެ ދިރާސާގެ ނަތީޖާއަށް ބެލުމަށް ފަހު ހުރިހާ ގައުމެއްގެ ސަރުކާރުތަކުން ވެސް އެސަރުކާރަކުން ވައި ތަޣައްޔަރުވުމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތަކީ ރަނގަޅު ސިޔާސަތެއްތޯ ބަލަންޖެހޭ ކަމަށް ބްރޫއާ ވިދާޅުވި އެވެ. (ގާޑިއަން)