13 Feb 2016, 13:56
ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވި ގޮނޑިއަށް، އަވަސް އޮންލައިން ނޫހުގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފްޒަލް އާމިރު (އަޕޯ) އިންތިހާބުކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ، އަޕޯ އާއި ޗެނަލް 13ގެ ފަރާތުން، އެ އެޗެނަލްގެ ކެމެރާމަން މުހައްމަދު ނިޔާޒު ވާދަ ކުރި އިންތިހާބުގައި އަޕޯ އިންތިހާބު ކާމިޔާބު ކުރީ 29 ވޯޓުން ކަމަށެވެ.
ހޯމް މިނިސްޓްރީ އިން ބުނީ މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި އިންތިހާބުގައި "ވޯޓުލީ މީޑިއާގެ މެންބަރުންގެ ތެރެއިން މިވަގުތު މޯލްޑިވްސް މީޑިއާ ކައުންސިލްގައި ނުހިމެނޭ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން" ކަމަށެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓުލީ ކިތައް މީޑިއާ އިން ކަމެއް އަދި މުހައްމަދު ނިޔާޒަށް ވޯޓެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ހޯމް މިނިސްޓްރީއަކުން ނުބުނެ އެވެ.
ފަނަރަ މެމްބަރުން ތަމްސީލު ކުރާ މީޑިއާ ކައުންސިލުން ގޮނޑިއެއް ހުސްވީ އުތުރު ޑޮޓް ކޮމްގެ ފަރާތުން އެ ކައުންސިލަށް ހޮވި، މިއުސަމް އައްބާސް ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާ ނުކުރާތީ އޭނާ ކައުންސިލުން ވަކިކުރުމުންނެވެ.
ހޯމް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގައި 90 ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.