13 Feb 2016, 13:24
ރިޔާދް (ފެބްރުއަރީ 13): ސައުދީ އަރަބިއާގެ ދެކުނުގައި އޮންނަ ޖަޒާން ޕްރޮވިންސުގެ ތައުލީމާ ބެހޭ އޮފީހަކަށް ހަތިޔާރު އެޅި މީހަކު ވަދެ ދިން ހަމަލާއެއްގައި ހަ މީހަކު މަރާލައިފި އެވެ.
ޔަމަނާ ސައުދީ އަރަބިއާއާ ގުޅޭ ހުރަސް ރޮނގު ކައިރީގައި އޮންނަ އައްދައިރުގައި ދިން އެ ހަމަލާގެ ސަބަބުން އިތުރު ދެ މީހަކު ޒަހަމްވި ކަމަށް އޮފިޝަލުން ބުންޏެވެ.
ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ އެހަމަލާ ދިން ސަބަބު އަދި ހޯދިފައި ނުވާ ކަމަށާއި އެ މައްސަލަ ބަލަމުން ދަނީ ކުށްވެރި އަމަލެއްގެ ގޮތުގައި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ހައްޔަރު ކުރި މީހާގެ އެއްވެސް މައުލޫމާތެއް އަދި އާއްމުކޮށްފައި ނުވެ އެވެ. އޭނާ އަކީ ޓީޗަރެއް ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ގިނަ އަދަދެއްގެ މީހުންނަށް ބަޑިން ހަމަލާދީ މަރާލުމަކީ ސައުދީ އަރަބިއާގައި އާއްމު ކަމެއް ނޫނެވެ. ނަމަވެސް، ފަހަކަށް އައިސް އައިއެސް އިން ވަނީ ސައުދީ އަރަބިއާއަށް ހަމަލާދޭން ފަށާފަ އެވެ. (ބީބީސީ)