13 Feb 2016, 12:54
ފޯނުން ބިންހެލުން ޑިޓެކްޓް ކުރުމަށް ފަހު ސައިންސުވެރިންނަށް އެލާޓް ފޮނުވާ އެޕެއް އެމެރިކާގެ ސައިންސުވެރިން ތައާރަފްކޮށްފި އެވެ.
ކެލިފޯނިއާގެ ސައިންސުވެރިން ބުނާ ގޮތުގައި އެއެޕްގައި ބޭނުން ކުރަނީ ސްމާޓްފޯނުތަކުގައި އާއްމުކޮށް ހުންނަ ސެންސަރެއް ކަމަށްވާ، އެކްސެލެރޯމީޓާ ކިޔާ ސެންސަރެކެވެ. އެއެކްސެލެރޯމީޓާގެ ޒަރިއްޔާ އިން ބިންހެލުމުގެ ސަބަބުން އަންނަ ހާއްސަ ވައިބްރޭޝަންތައް މައިޝޭކް އިން ޑިޓެކްޓު ކުރާނެ އެވެ. އަދި އެމައުލޫމާތު ޑާޓާ ޕެކޭޖެއްގެ ގޮތުގައި ބިންހެލުން މޮނިޓާ ކުރާ ސްޓޭޝަނަކަށް ފޮނުވާނެ އެވެ. އެޕެކޭޖުގައި ހިމެނޭނީ ވައިބްރޭޝަން ޑިޓެކްޓްވި ގަޑިއާއި، ވައިބްރޭޝަންތައް އައި ތަނާއި، ބިންހެލުމުގެ ލަފާކުރެވޭ މެގްނިޓިއުޑެވެ.
މައިޝޭކްގައި ބޭނުންކޮށްފައި ވަނީ ހަމައެކަނި ބިންހެލުމުގެ ސަބަބުން އުފެދޭ ވައިބްރޭޝަންތައް ޑިޓެކްޓް ކުރާ އަލްގޮރިދަމްއެއް ކަމަށް ސައިންސުވެރިން ބުނެ އެވެ. އެހެންކަމުން ފޯނު ދަބަހުގައި އޮންނަ އިރު ނުވަތަ ފޯނު ވެއްޓުމުން އުފެދޭ ވައިބްރޭޝަންތަކާ ބިންހެލުމުގެ ސަބަބުން އުފެދޭ ވައިބްރޭޝަންތަކުގެ ތަފާތު މައިޝޭކްއަށް އިނގޭނެ ކަމަށް ބާކްލީ ސައިޒްމިކް ލެބުގެ ސައިންސުވެރިން ބުންޏެވެ.
މީގެ އިތުރުން، މައިޝޭކް މަސައްކަތް ކުރާނީ ސިއްހަތާ ބެހޭ އެޕްތައް ފަދައިން ފޯނުގެ "ބެކްގްރައުންޑް"ގައި ކަމުން އެއެޕް އެޅުމުން ފޯނުން މާބޮޑު އިތުރު ޗާޖެއް ނުދާނެ ކަމަށް ވެސް ސައިންސުވެރިން ބުންޏެވެ.
މައިޝޭކް އިން އަދި އެލާޓް ފޮނުވާނީ ހަމައެކަނި ސައިންސުވެރިންނަށެވެ. ނަމަވެސް، ސައިންސުވެރިންގެ މަގުސަދަކީ ބިންހެލުމާ ކައިރީގައި ތިބި އެތައް ސަތޭކަ ސްމާޓްފޯނުތަކުން ފޮނުވާ މައުލޫމާތު ބޭނުންކޮށްގެން، ބިންހެލުން އަންނަ ސަރަހައްދުގައި ތިބި މީހުންނަށާއި އެއަށްވުރެ ދުރުގައި ދިރިއުޅޭ މީހުންނަށް ވެސް ބިންހެލުމުގެ އިންޒާރު ފޮނުވާ ކޮމްޕިއުޓާ ސިސްޓަމެއް އަވަސް މުސްތަގުބަލެެއްގައި އުފެއްދުމެވެ.
"މިއީ އާއްމުންނަށް ހާއްސަ ސައިންސް ޕްރޮޖެކްޓެއް. މިއެޕް ޑައުންލޯޑް ކުރާ މީހުންނަށް ބިންހެލުމަށް ތައްޔާރުވުމާ ބެހޭ މައުލޫމާތާއި، ހިތްވަރު ފޯރުކޮށްދޭނެ. އަދި އެޕް ޑައުންލޯޑް ކުރާ ފޯނުތަކުން ފޮނުވާ މައުލޫމާތު ބޭނުންކޮށްގެން ބިންހެލުމާއި ބިންހެލުން އަންނަ ގޮތާ ބެހޭ އިތުރު މައުލޫމާތު އަޅުގަނޑުމެންނަށް އެއްކުރެވޭނެ،" ބާކްލީ ސައިޒްމިކް ލެބްގެ ޑިރެކްޓަރު، ރިޗާޑް އެލެން ވިދާޅުވި އެވެ.
އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް މިހާރު ހިލޭ މައިޝޭކް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އައިއޯއެސް ޑިވައިސްތަކަށްވެސް މައިޝޭކް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށްވެ އެވެ. (ބީބީސީ)