13 Feb 2016, 12:07
ދ. އަތޮޅު ނިޔާމަ ރިސޯޓުން ފުރަން އުޅުމުގެ ތެރޭގައި އިއްޔެ އެކްސިޑެންޓުވި މޯލްޑިވިއަންގެ ސީޕްލޭން މަރާމާތައް ފަހު އަލުން ދަތުރުތައް ކުރަން ފަށައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަންއަށް ވިދާޅުވީ، އެފުލައިޓަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހަމައެކަނި ގެއްލުން ވެފައިވަނީ ފުލައިޓުގެ ފިޔަގަނޑަށް ކަމަށެވެ. އެފިޔަގަނޑު މަރާމާތުކޮށް މިއަދު އަލުން ދަތުރުތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވިންގުގެ ކޮޅު އިނީ ހަލާކުވެފައި، އެކަން ހައްލުކޮށްފައި މިއަދު ހެނދުނު ބޯޓް މާލެ ގެނެސްފި، އަނެއްހެން ކަމެއްނެތް ބޯޓުގެ، އެއީ ހަމައެކަނި ވެފައިއިންގޮތަކީ." ނަޝާތު ވިދާޅުވިއެވެ.
ނިޔާމަ ރިސޯޓްގެ އޮފިޝަލަކު ވިދާޅުވީ، މޯލްޑިވިއަންގެ ސީޕްލޭނެއް އެ ރިސޯޓުން ފަތުރުވެރީން ގޮވައިގެން ފުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ފިޔަގަނޑު އެ ރަށުގެ ޖެޓީގައި ޖެހި ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
މޯލްޑިވިއަން ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ދ. އަތޮޅުގެ އިތުރުން ތ. އަތޮޅަށާއި ބ. އަތޮޅަށް ވެސް ކުރަމުން ދާއިރު، އެ ދަތުރުތަކުގައި ބޭނުންކުރަނީ، "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ހަ ސީޕްލޭންއެވެ.