13 Feb 2016, 11:12
ބާލިން (ފެބްރުއަރީ 13) : ސޫރިޔާގެ ވެރިކަމުގައި އެގައުމުގެ ރައީސް ބައްޝާރުލްއަސަދަށް ނުހުންނެވޭނެކަމުގެ އިންޒާރު ސައޫދީ އަރަބިޔާއިން ދީފި އެވެ.
ޖަރުމަނުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ބައްޝާރަށް މުސްތަގްބަލްގައި ސޫރިޔާގެ ވެރިކަމުގައި ނުހުންނެވޭނެ ކަމަށާ ސައޫދީން ބައްޝާރަށް އެފުރްސަތު ނުދޭނެ ކަމުގަ އެވެ. "ފަހަރެއްގައި ތިންމަސްދުވަހު ނޫނީ ހަމަސްދުވަހު ނޫނީ ތިން އަހަރު ބައްޝާރަށް ވެރިކަމުގައި ހުންނެވިދާނެ ނަމަވެސް ބައްޝާރުގެ ވެރިކަމަށް ސޫރިޔާގައި ޖާގައެއްނެތް" ޖުބައިރު ވިދާޅުވި އެވެ. މި ބަސްދީގަތުމުގައި ޖުބައިރުވަނީ ރަޝިޔާއަށާއި އީރާނަށް ބައްޝާރުގެ ވެރިކަން ޙިމާޔަތް ނުކޮށްދެވޭނެ ކަމަށްވެސް ފާޅުގައި ވިދާޅުވެފަ އެވެ.
ސައޫދީ އަރަބިޔާއަކީ އެގައުމުގެ އަމިއްލަ ސިޔާސީ މަގްސަދުތައް ޙާސިލް ކުރުމަށްޓަކައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދުރުކުރުމަށް މިލިޔަނުން ޚަރަދު ކުރަމުން ގެންދާގައުމެވެ. ސޫރިޔާގެ ސަރުކާރު ވައްޓާލަން ސައޫދީ މަސައްކަތްކުރާއިރު ޔަމަންގައި ސައޫދީ ގެންގުޅެނީ މިއާ މުޅިން ޚިލާފަށް އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމުގެ ސިޔާސަތެކެވެ. މިކަމަށް ޓަކައި ސައޫދީ ވަނީ މިދިޔަ އަހަރު އަސްކަރީ ގޮތުން ޔަމަނަށް ވަދެގެންފަ އެވެ. އަދި މިސްރުގެ އަބްދުލްފައްތާހް އައްސީސީގެ ވެރިކަން ދެމެހެއްޓުމަށް ސައޫދީ މަސައްކަތް ކުރާ އިރު މިސްރުގެ ކުރީގެ ޑިމޮކްރެޓިކް އަދި އިސްލާމީ ފިކުރުގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި ސައޫދީ ވަނީ ސީސީ އަށް ވާގިވެރިވެ އޭނާއަށް ފާޅުގައި ތާއީދުކޮށްފަ އެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަކީ އދ. ން ބަލައިގަންނަ އަދި ބައިނަލްއަގްވާމީ މުޖްތަމައުގެ އިޢްތިރާފް ލިބިފައިވާ ސަރުކާރެކެވެ. އދ. ގައާއި ދުނިޔޭގެ ގައުމުތަކުގައި ބައްޝާރުގެ ސަރުކާރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެންބަސީތައް ހުރެއެވެ. ސަފީރުން ތިއްބަވަ އެވެ. ނަމަވެސް ސޫރިޔާ ސަރުކާރުގެ ހުއްދަހޯދުމަކާނުލައި އެމެރިކާގެ ކޮމާންޑްގެ ދަށުން ސޫރިޔާއަށް އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވާނެ ކަމަށްބުނެ އެލަޝްކަރު ސޫރިޔާއަށް ފޮނުވުމަށް ސައޫދީ ގެންދަނީ ތައްޔާރުވަމުންނެވެ.
ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނީ ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ތެދުވުމާއެކު ބައްޝާރު ވެރިކަން ދޫކޮށް ލެއްވުމަށް ދެކޮޅު ހެއްދެވުމާއެކު އެމެރިކާއާއި ޔުރަޕްގެ ބާރުތަކާ ގުޅިގެން ސައޫދީ އާއި ގަތަރުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ހުޅަނގުގެ ގައުމުތަކުގެ ބާރުއެޅުމާއެކު ސޫރިޔާގެ އިދިކޮޅު ފަރާތްތައް ހަތިޔާރުގައި ހިފުމުން ސޫރިޔާ ސަރުކާރުން އަސްކަރީ އެހީ ހޯދީ އީރާނާއި ރަޝިޔާއާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ކިބައިންނެވެ.
މިހަނގުރާމައަށް ފަސްއަހަރު ވީއިރުވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި ހުޅަނގަށްވެސް އަދި ސައޫދީ އާއި ގަތަރަށްވެސް ކާމިޔާބު ލިބިފައެއް ނުވެ އެވެ. އަދި ސޫރިޔާގައި އެމެރިކާގެ ކުރިން ގެންގުޅުނު ބައްޝާރު ވެރިކަމުން ދުރުކުރުމުގެ ސިޔާސަތު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި ސައޫދީން ސޫރިޔާއަށް އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވުމުގެ ހަގީގީ ބޭނުމަކީ ސައޫދީ އަށް ތާއީދުކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ބަލިވުމުން ސަލާމަތް ކޮށްދިނުންކަމަށްވަނީ ބެލެވިފަ އެވެ. ރަޝިޔާގެ އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ހަލަބްގެ ކައިރީގައި މިހާރު ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންގައި ސައޫދީ އަށް ތާއީދުކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ދަނީ ވަރަށްބޮޑަށް ބަލިކަށިވެ ފަހަތަށް ޖެހެމުންނެވެ. ސޫރިޔާ ސިފައިންގެ ބޭނުމަކީ މިޖަމާއަތްތަކަށް ތުރުކީގެ މަގުން ހަތިޔާރު ލިބޭ މަގުތައް ބަންދުކޮށްލުމެވެ.
ސައޫދީ ސިފައިން އެއްގަމު މަގުން ސޫރިޔާއަށް އަރައިފިނަމަ ރަޝިޔާގެ ވައިގެ ޙަމަލާތަކުގައި ސައޫދީ ސިފައިން ގިނަ އަދަދަކަށް މަރުވެގެންދާނެ ކަމަށް ބެލެވޭތީ، ސޫރިޔާގެ ހަނގުރާމައިގެ މައިދާނުގައި ކެތްކޮށްލުމަކީ ސައޫދީ ސިފައިންނަށް ކުރެވިދާނެކަމެއް ކަމާމެދު ހުޅަނގުގެ ތަޖްރިބާކާރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އަނެއްކޮޅުން ސައޫދީ ވަނީ އަސްކަރީ ގޮތުން ޔަމަނަށްވެސް ވަދެގެންފަ އެވެ. އެހެންކަމުން އަވަށްޓެރި ދެގައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ސައޫދީ ވަނުމަކީ ތެލުގެ އަގު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި ސައޫދީ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލާނެ ކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)